ސްރީ ލަންކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ގައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިކޮށްފައިވާ ކަމަށް ލަންކާގެ “ދަ ގާޑިއަން” ނޫހުން ރިޕޯޓުކޮށްފިއެވެ. މި ނިންމުމަކީ ދެ ގައުމުގެ ގުޅުމަށް އައު ދޮރެއް ހުޅުވިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
ދަ ގާޑިއަން ނޫހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރާއްޖެ އެ ލިސްޓުން އުނިކޮށްފައިވަނީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެގެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެންނެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ ދިވެހި ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ރާއްޖެ އެ ލިސްޓުގައި ހިމަނާފައިވަނީ 2019 ވަނަ އަހަރު ލަންކާގައި ހިނގި “އީސްޓަރ ބޮމު” ހަމަލާއާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ގޮތުންނެވެ. އެ ހަމަލާތަކާ ގުޅިގެން ބައެއް ދިވެހިންގެ ނަން ފާހަގަކުރެވުނު ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖެ އެ ލިސްޓުގައި ހިމެނުމުގެ ސަބަބުން، ލަންކާގައި ދިރިއުޅެމުންދިޔަ ގިނަ އަދަދެއްގެ ދިވެހިން އެ ގައުމު ދޫކޮށް ދިއުމަށް މަޖުބޫރުވިއެވެ. 2019 ވަނަ އަހަރުގެ ކުރިން ލަންކާގައި 10،000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަނީ 1،500 އަށްވުރެ ދަށަށް ގޮސްފައެވެ.
ރާއްޖެ އެ ލިސްޓުން އުނިކުރުމާ ގުޅިގެން، ކިޔެވުމާއި، ސިއްހީ ފަރުވާ އަދި ވިޔަފާރީގެ ބޭނުންތަކަށް ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިމަތިވަމުން އައި ދަތިތައް ނިމުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ.