ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދާ އެކު ހައްޔަރުކުރި އަހްމަދު ލައްސާނަށް ލުއި އަދަބެއްދީ އޭނާގެ މައްސަލަ ނިންމާލައިފިއެވެ.
ޝަމްއާން ހިމެނޭހެން މި މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ފަސްމީހުންނަކީ އުމުރުން 36 އަހަރުގެ މުޙައްމަދު ޝަމްއާން ވަހީދު، ގ. ލިޓޯނިޔާ އުމުރުން 21 އަހަރުގެ މުޙައްމަދު އަލްސަން އިސްމާއިލް، ތ. ބުރުނި އާއި އުމުުރުން 37 އަހަރުގެ އިބްރާހިމް އަޙްމަދު، ގ. ހެޕީސައިޑް އާއި އުމުރުން 47 އަހަރުގެ ހަސަން ސަހެޝާން، ގ. ހެޕީސައިޑްގެ އިތުރުން އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނު، މ. ހަޒާރީވިލާ އެވެ.
މީގެ ތެރެއިން ލައްސާނުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަކާއި ފޭރުމުގެ ކުށުގެ ދައުވާއެކެވެ. އޭނާއަށް ލުއި އަދަބެއް ދިނުމަށް ނިންމީ މި ދެ ދައުވާއަށް ވެސް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުން ހެދުމުންނެވެ.
ދައުލަތުން އެ މީހުންނާ ދެކޮޅަށް ކޮށްފައިވާ ދައުވާތައްކުގެ ތެރޭގައި ހިމެނެނީ:
- އިބްރާހިމް އަހުމަދު، ގ. ހެޕީސައިޑް – ދައުވާތައް: ފޭރުމުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ، މަނީ ލޯންޑަރިން
- އަހުމަދު ލައްސާން، މ. ހަޒާރީވިލާ – ފޭރުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ
- މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނި – ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ
- ހަސަން ސެހެޝާން، ގ. ހެޕީސައިޑް – ފޭރުމުގައި ބައިވެރިވިކަމުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ
ލައްސާން އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކުރުމުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް ސާބިތުވިކަމަށް ނިންމާ އޭނާގެ މައްޗަށް އިއްވީ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމަކާއެކު 14400 ރުފިޔާގެ ޖޫރިމަނާއެކުއެވެ. މީގެ އިތުރުން ފޭރުމުގެ ކުށް ސާބިތުވެ 7 މަހާއި 6 ދުވޗަހުގެ ޖަލު ހުކުމަކާއެކު 14400 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝަމްއާން ވަހީދު މިހާރު ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.