ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ “ހާލު ކިހިނެއް؟” ޕްރޮގުރާމް މިހާތަނަށް 15 އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ފެށި މި ޕްރޮގްރާމް އެންމެ ފަހުން ހިނގާފައިވަނީ ދ. އަތޮޅުގައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މަރްޔަމް ލަހުފާ ވިދާޅުވިގޮތުގައި، “ހާލު ކިހިނެއް؟” ޕްރޮގުރާމްގައި، ނާޒުކު ހާލަތްތަކުގައި އުޅޭކަމަށް ދެނެގަނެވޭ ޢާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި އެފަދަ ޢާއިލާތަކުގައި އުޅޭ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ކުރު ކޯސްތައް ހިންގުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ލަހުފާ ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި މ، ވ، އއ، އދ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް “ހާލު ކިހިނެއް؟” ޕްރޮގުރާމް ފަށްޓަވާނެކަމަށާއި އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި ޕްރޮގުރާމް ހިންގުންކަމަށް ލަހުފާ ވިދާޅުވިއެވެ.
މިހާތަނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިތުރުން މާލެއާއި ވިލިމާލެއާއި ގިނަ އަތޮޅުތަކެއްގައި “ހާލު ކިހިނެއް؟” ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވާއިރު، މިއަހަރުގެ ޑިސެމްބަރ މަހުގެ ކުރިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައިވެސް މި ޕްރޮގްރާމް ފެށުމަށް ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ގެންދަނީ މަސައްކަތްކުރައްވަމުންނެވެ.
މި ޕްރޮގްރާމްގެ ތެރެއިން އާންމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކާއި ބޭސްފަރުވާއަށް އޭހީތެރިކަން ބޭނުންވުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި، ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތަށް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

