އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލް އެޅި ފުރަތަމަ ފަހަރުގެ ގޮތުގައި މާލެ އަތޮޅު އިތާފުށީގައި ހުންނަ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސްއަށް ސަބްމެރިން ކޭބަލް ގުޅާލައިފިއެވެ.
އުރީދޫއިން މިކަން ފާހަގަކުރުމަށް އިތާފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް ޠާރިޤް އިބްރާހިމް ވިދާޅުވީ، 2005 ވަނަ އަހަރު ރާއްޖެއަށް އުރީދޫ ތަޢާރަފުވި ފަހުން، ޑިޖިޓަލް ދަތުރުގައި އެއްވެސް މީހަކު ބާކީނުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
މި ސަބްމެރިން ކޭބަލް އިތާފުށި އަދި ކ. މާފުށި މެދުވެރިކޮށް ހިނގާއިރު، ހުޅުމާލޭގައި ހުންނަ އުރީދޫގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާ ގުޅާލައި، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ، އިތުރު ކެޕޭސިޓީއާއި ރެޒިލިއަންސް އަދި ސްޕީޑް ކަށަވަރުކޮށްދޭނެއެވެ.
“ކޮންމެ ކުރިއެރުމަކާއެކު، އެ މީހުން އަހަންމިއްޔަތުކަން ދެނީ އެކްސެސިބިލިޓީ އާއި އިންކްލޫޝަން އަށް. މި ސަބްމެރިން ކޭބަލް ލޭންޑިންއަކީ، ޓޫރިސްޓް ރިސޯޓެއްގައި މިފަދަ ފުރަތަމަ ފަހަރަށް ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވިފައިވާ، މުޅިން ގުޅިލާމެހިފައިވާ، މުސްތަގުބަލަށް ތައްޔާރުވެފައިވާ ރާއްޖެއަކާ ގާތްކޮށްދޭ އިތުރު ކާމިޔާބީއެއް،” މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.
އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވެފައިވަނީ މިއީ ޑިޖިޓަލް ޑިވައިޑް ނައްތާލައި މުސްތަގުބަލަށް ތައްޔާރުވެފައިވާ ކަނެކްޓިވިޓީއަކުން މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގައި ހަގީގީ “ޑިޖިޓަލް މޯލްޑިވްސްއެއް” ތަރައްގީކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އުރީދޫއިން ބުނެފައިވާ ގޮތުގައި މި ރިސޯޓަކީ ޑުއަލް ރިޑަންޑަންސީއާއި ޑެޑިކޭޓެޑް ސަބްމެރިން ކޭބަލަކާއި ޕްރައިވެޓް 5ޖީ އަށް ތައްޔާރުވެފައިވާ އަދި އެޑްވާންސް ޓްރީ ޓަވަރެއް ހިމެނޭ ރާއްޖޭގެ ފުރަތަމަ ރިސޯޓެވެ. މި ކާމިޔާބީގެ ސަބަބުން ހޮސްޕިޓާލިޓީ ދާއިރާގެ ތެރޭގައި އިނޮވޭޝަނަށް އައު މިންގަނޑެއް ކަނޑައެޅޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.