އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިޔަށް ގެންދާ “ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް” މަޝްރޫޢުގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ ދިގު މުއްދަތުގެ ފަރުވާއާ ގުޅޭ ޤައުމީ ސްޓްރެޓެޖީއެއް އެކުލަވާލުމަށްޓަކައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް، އުމުރުން ދުވަސްވީ މީހުންގެ ފަރުވާއާ ބެހޭ މާހިރެއް ލ. އަތޮޅަށް ޒިޔާރަތް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި އެފަރާތުން ވަނީ، ލ. އަތޮޅު ކައުންސިލާއި، ފޮނަދޫ ކައުންސިލާއި، ގަން ކައުންސިލާއި، ގަމުގެ ސަރަޙައްދީ ހޮސްޕިޓަލާއި، ފޮނަދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އަދި މިދާއިރާގައި މުޖުތަމަޢުގެ ޚިޔާލާއި ނަޒަރިއްޔާތު ހޯދުމަށް ލ. ގަމުގައި ވަނީ ފޯކަސް ގްރޫޕް މަޝްވަރާ އެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މި މަސައްކަތަކީ ދިވެހިރާއްޖޭގައި އެކުލެވޭ ފަރުވާގެ ނިޒާމުތައް ހަރުދަނާކޮށް، ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.