2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވީޑިއޯ ކްލިޕް މުބާރާތެއް ބޭއްވުމަށް ހަމަޖައްސައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
“ޑިމޮކްރަސީގެ އަސާސްތައް ޕްރޮމޯޓްކުރުން – ރައްޔިތުންގެ މަޖިލީހުގެ ދައުރު” ގެ ނަމުގައި ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އާންމުންގެ މެދުގައި ޑިމޮކްރަސީގެ އަސާސްތަކާއި އޭގެ މުހިންމުކަން ހާމަކޮށް، ޑިމޮކްރަސީ ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފާހަގަކުރުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެ ކެޓަގަރީއަކުން ހުޅުވާލާފައިވެއެވެ. އެގޮތުން އަމިއްލަ ގޮތުން ބައިވެރިވާ ކެޓަގަރީގައި 15 ސެޕްޓެންބަރު 2025 ގެ ނިޔަލަށް 16 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެއެވެ. އަދި ދެވަނަ ކެޓަގަރީއަކީ ޖަމްޢިއްޔާތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީއެކެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ފޯމު މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ ނުވަތަ ޖަމްޢިއްޔާގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީގެ އިތުރުން، މުބާރާތަށް ހުށަހަޅާ ވީޑިއޯ ކްލިޕްގެ ލިންކް ހުށަހަޅަންޖެހޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.
މި މުބާރާތަކީ ޑިމޮކްރަސީގެ އަސާސްތައް ކުރިއެރުވުމަށާއި، ސިޔާސީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށް މަޖިލީހުގެ އިދާރާއިން ފާހަގަކުރެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޖިލީހުގެ އިދާރާގެ ޕާލިމަންޓަރީ އެޑިޔުކޭޝަން ސެކްޝަނާ ގުޅުމަށް އެ އިދާރާއިން އިރުޝާދު ދެއެވެ.