ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކޮށް ހިފެހެއްޓުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް މުހިންމު އިސްލާހުތަކެއް ސަރުކާރުން ހުށަހަޅައިފި އެވެ. މި އިސްލާހުތައް ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިންއެވެ.
މި އިސްލާހުތަކުގެ މައިގަނޑު އެއް ބޭނުމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގުމުގައި އިތުރު ހިފެހެއްޓުންތަކެއް ގެނައުމެވެ. މީގެ ދަށުން، ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ވަކި ކަންތައްތަކެއް ކުރެވޭނީ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.
އިސްލާހުތަކުގެ ދަށުން، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުން ފަދަ ކަންކަން ކުރެވޭނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.
މީގެއިތުރުން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން އިޤްތިޞާދީ ހަރަކާތްތައް ހިންގުމަށް ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި، އިންވެސްޓްމަންޓްގެ އަގު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުނުވުމާއި، އަމިއްލަ ފަރާތްތަކުން ކުރަމުންދާ މަސައްކަތަކަށް ނުވުން ހިމެނެއެވެ.
އިސްލާހުތަކުގައި ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ހިންގަންޖެހޭނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި ފިނޭންސް މިނިސްޓްރީން އެދިއްޖެ ހިނދެއްގައި ބޭންކް އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް ހިއްސާކުރަންޖެހޭނެއެވެ. މި އިސްލާހުތަކަކީ ކައުންސިލްތަކުގެ މާލީ ހަރަކާތްތައް އިތުރަށް ހަރުދަނާކޮށް، ޖަވާބުދާރީވުން އިތުރު ކުރުމަށް އަމާޒު ކޮށްފައިވާ ބަދަލުތަކެކެވެ.