މާލޭ ނޯތު ހާބަރަށް ގެންނަ ބަދަލުތަކާއެކު އެ ސަރަހައްދުން މަސްވެރިންނަށް ބޭނުންވާ ތެލާއި އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.
ނޯތު ހާބަރު ސަރަހައްދުން މަސްވެރިންނަށާއި އޮޑިފަހަރުތަކަށް ބޭނުންވާ އިތުރު ޚިދުމަތްތައް ދިނުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ސަރަހައްދުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. އަދި ހެޔޮ އަގުގައި އޮޑިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމްވެސް އެމްޕީއެލްއިން ދަނީ ހަމަޖައްސަމުންނެވެ. ފެނާއި، ކަރަންޓާއި، ތެލާއި އައިސް ނޯތު ހާބަރުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަމެކެވެ.
އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާއި ހަވާލުވެ ހުންނެވި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަހުމަދު ހަމްދުﷲ ރަޝީދު ވިދާޅުވީ އެމް.ޕީ.އެލްއިން ނިންމީ އަގުހެޔޮ ގޮތެއްގައި ރައްޔިތުންނާއި ހަމައަށް އައިސް ފޯރުކޮށްދެވޭނެ މަސްވެރިންނަށް ލުއިފަސޭހަ އިންތިޒާމަކީ ކޮބާކަމެވެ. އެގޮތުން އައިސްޕްލާންޓެއް ނުވަތަ އައިސްލިބޭނެގޮތް ގާއިމްކުރަން ނިންމާފައިވާ ކަމާއި، އަދި ތެލުގެ ޚިދުމަތްވެސް ވިޔަފާރީގެ އުސޫލަކަށްވުރެ ބޮޑަށް އެތަނުގެ އުޅަނދުފަހަރު މަހަކު މަސްވެރިން ނުލާ 125 އުޅަނދު ދަތުރުރަމުންދާތަނެއް ކަމުން އެމްޕީއެލްއިން އެ ޚިދުމަތްވެސް ލިބެން އެބޭފުޅުން ބޭނުންވާތީ މިހާރު ރާވަމުން ދަނީ ތެލުގެ ޚިދުމަތްދޭން އެއީ ވިޔަފާރި އުސޫލަކުން ނޫން އެންމެ މިނިމަމް ރޭޓެއްގައި އެބޭފުޅުންނާއި ހަމައަށް އެ ޚިދުމަތް ދޭން ރާވާފައި އޮތް ކަމަށެވެ.
އެ ސަރަހައްދު ތަރައްޤީކޮށް ވަކި އިންތިޒާމުތަކެއްގެ ތެރެއިން އަންނަ މަހުން ފެށިގެން މި ޚިދުމަތްތައް ދޭން ފަށާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަހައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ތަނަވަސްކޮށްފައިވާކަމަށްވެސް އެމްޕީއެލްއިން ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް ވަގުތާއި ފައިސާގެ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ލަފާކުރެވެއެވެ.