ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގިނަ އިޞްލާޙުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ބަލައިގަނެ، ކޮމިޓީ މަރުހަލާއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިންއެވެ. މިއަދު ބޭއްވުނު ޖަލްސާގައި މި ބިލު ބަލައިގަތުމާމެދު ނެގުނު ވޯޓުގައި ބިލާ އެއްކޮޅަށް 48 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ބިލު ބަލައިނުގަތުމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.
މި ބިލުގައި ހިމެނޭ މުހިންމު އިޞްލާޙުތަކުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކާ ގުޅޭ އައު ޝަރުތުތަކެއް ހިމެނެއެވެ. މިގޮތުން، މި ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތަކީ އެ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިޤުތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުމާއި، އެ މަސައްކަތަކީ ރަށުގެ ޢުމްރާނީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތަކަށްވުން ލާޒިމްކޮށްފައިވެއެވެ.
އަދި މި ބިލުގައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ކުލި ނުނެގޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ކައުންސިލްތަކަށް ސަރުކާރުން ދޭ އެހީ ދޫކުރުމުގައި، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އާންމު ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ އުނިކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ބިލުގައި ހިމެނޭ އެހެނިހެން މުހިންމު ބަދަލުތަކުގެ ތެރޭގައި، ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބެލެހެއްޓުމުގައި މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަންޖެހުމާއި، ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ އެއް އަހަރު ކުރިން އައު މުވައްޒަފުން ނެގުމާއި، ބިންތައް ކުއްޔަށް ދިނުމާއި، އައު ތަރައްޤީގެ މަޝްރޫޢުތައް ފެށުމާ ގުޅޭ އައު ހަމަތަކެއް ކަނޑައަޅާފައިވެއެވެ.

