މާލެއާއި ހުޅުމާލެއަށް މިއަދު ހެނދުނު ދިމާވި ކަރަންޓު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ބާރަށް ކުރިއަށް ގެންދާއިރު، މުޅި ހުޅުމާލެއަށް ކަރަންޓު މިހާރު ދެވި، މާލޭގެ ގިނަ ސަރަޙައްދުތަކަށްވެސް ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު ހެނދުނު 9:30 ކަންހާއިރު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނުއިރު، މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން އޭރު ވަނީ ބުނެފައެވެ.
މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު، ސްޓެލްކޯއިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓުދޭން ފަށާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށްވެސް ކަރަންޓުދީފައިވާކަމަށާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގްރިޑް މިހާރު އެނަރޖައިޒް ކުރެވިފައިވާކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފިއެވެ.
އެންމެ ފަހުގެ މައުލޫމާތު ދެމުން ސްޓެލްކޯގެ ޓްވިޓަރ ޕޯސްޓެއްގައި ބުނެފައިވަނީ، “މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާއިރު، ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރެވެމުން” ކަމަށެވެ.
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި މި ދިމާވި ދަތިތަކަށް މަޢާފަށް އެދިފައިވެއެވެ.
މިދިޔަ ޖޫން 1 ވަނަ ދުވަހުވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވެއެވެ.