މާލޭ ސަރަޙައްދުން މިއަދު ކަރަންޓު ކެނޑުނު ސަބަބު އެނގޭ ކަމަށާއި، އެ މައްސަލަ ޙައްލުކުރެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، މާލޭ ސަރަޙައްދުން މިއަދު ކަރަންޓު ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކީ ކޮބައިކަން ހާމަކުރައްވާފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، “ދެން އަޅުގަނޑުމެން ސޯޓް އައުޓް ކުރަމުން މިދަނީ” ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ޓެކްނިކަލް މައްސަލަ އެއްކޮށް ޙައްލުކުރެވޭނެ ކަމަށް ޔަގީންކަން ދެއްވިއެވެ.
މިއަދުގެ މި ހާދިސާގައި މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހެނދުނުގެ ވަގުތެއްގައެވެ. އަދި ގާތްގަނޑަކަށް 3 ގަޑިއިރު ވަންދެން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ފަހުން ވަނީ އަލުން ކަރަންޓު ލިބިފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ މިއީ މިއަހަރު މުޅި މާލެ އާއި ހުޅުމާލޭން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ދެވަނަ ފަހަރު ކަމެވެ.