ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވި ޑޯގަން ކްލާސްގެ ނޭވީ މަނަވަރު މިއަދު ވަނީ ރާއްޖެއަށް ގެނެސްފައެވެ.
މި މަނަވަރު ރާއްޖެއަށް ހަދިޔާކުރުމަށް ތުރުކީ ސަރުކާރުން ނިންމެވި ނިންމެވުން ދިފާއީ ވުޒާރާއިން ހާމަކުރެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަދި މި މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ޚިދުމަތަށް ނެރެ، ޤައުމީ ދިފާޢީ ބާރަށް ކަމިޝަންކުރުމަށް ބާއްވާ ރަސްމިއްޔާތުގެ ތައްޔާރީތައް ދެ ޤައުމުގެ މެދުގައި މިހާރު ކުރިއަށްދާކަމަށް ޤައުމީ ދިފާޢީ ބާރުން ވަނީ ހާމަކުރައްވާފައެވެ.
ދިފާއީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މި މަނަވަރަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ދިފާޢީ ބާރުގެ ކޯސްޓު ގާޑް ދެގުނަ ކުރައްވައި، ގާބިލުކަން އިތުރުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް، ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެކެވެ.
މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުވުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމަށް ލިބޭ ބޮޑު އެހީއެއްކަމަށް ދިފާޢީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތްތައް ފުޅާކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކުރައްވައި، ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތައްވެސް ވަނީ ތަޢާރަފްކުރައްވާފައެވެ.

