އަރި އަތޮޅު ދެކުނުބުރީ ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި މިއަދު އަލިފާން ރޯވެ އަނދަމުންދާތީ، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޓީމެއް އެ ރިސޯޓަށް ދަތުރުކުރަމުންދާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވައިފިއެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ހާދިސާގެ މަޢުލޫމާތު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ގައެވެ. އަދި ފަޔަރމަނުންގެ ޓީމެއް އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރުއެވެ.
މި ވަގުތު ކުޑަރަށް ރިސޯޓުގެ އަމިއްލަ ފަޔަރ ޓީމެއް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރާއި، އަލިފާން ރޯވި ސަބަބު އަދި ވަނީ ހާމަކުރައްވާފައި ނުވެއެވެ. އެ ސަރަހައްދުގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާކަން އަދި ވަނީ ހާމަކުރައްވާފައި ނުވެއެވެ.

