ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށި މި ޕްރޮގުރާމަކީ ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ އެކި މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިންގޭ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ތިން ބުރެއް މިހާތަނަށް ވަނީ ފުރިހަމަކޮށްފައެވެ.
މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ޒުވާނުން ތަމްރީނުކުރެވުނު އިރު، ދެވަނަ ބުރުގައި 169 ޒުވާނުން ތަމްރީނުކުރެވުނެވެ. އެންމެ ފަހުން ހިންގުނު ތިންވަނަ ބުރުގައި 269 ޒުވާނުން ތަމްރީނުކޮށް، ޖުމްލަ 503 ޒުވާނުން ވަނީ ހަތީބުކަމުގެ ތަމްރީނު ފުރިހަމަކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު އަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މަދުވެގެން 1,000 ހަތީބުން ތަމްރީނުކުރުމެވެ.
މީގެއިތުރުން، ސަރުކާރުން ދަނީ ހާފިޒުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަމުންނެވެ. މި ގޮތުން ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި 1,000 އަށްވުރެ ގިނަ ހާފިޒުން އުފެއްދުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ހާފިޒުންނަށް ދޭ އިނާޔަތް ދެގުނައަށް އިތުރުކޮށް، ގުރުއާން ހިފްޒުކޮށްދޭ ކިލާސްތައް އިތުރުކުރުމުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ހިފްޒު ކިލާސްތަކަށް ދޭ އެހީތެރިކަންވެސް ވަނީ އިތުރުކޮށްފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ޚިދުމަތްތައް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.