ދައުލަތުގެ މީޑީއާ؛ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މީޑިއާގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް “ބީމް ޓްރެއިނިންގ އިނިޝިއޭޓިވް” މިއަދު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަހީދު ވިދާޅުވި ގޮތުގައި، އެ ވުޒާރާއިން ޕީއެސްއެމްއާއެކު ކުރެވުނު މަޝްވަރާތަކުން ޒުވާނުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން މިފަދަ ފުރުސަތުތަކަށް ބޭނުންވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިއީ ރާއްޖޭގައި މީޑިއާގެ ފަރާތްތައް ތަމްރީނުކުރުމަށް ވަރަށް މުހިންމު އެއްބަސްވުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވި ގޮތުގައި، ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުގެ ބެލުމުގެ ދަށުން މީޑިއާގެ ދާއިރާއިން މީހުން ތަމްރީނުކުރާ އިންސްޓިޓިއުޓްތައް ހުރެއެވެ. މި އިނިޝިއޭޓިވްގެ ދަށުން ޕީއެސްއެމްގެ މުވައްޒަފުންނާއި މީޑިއާ ދާއިރާގައި މަސައްކަތްކުރާ އެހެން ފަރާތްތަކަށްވެސް ތަމްރީނުގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.
އެމްޑީ ނަސްރީން އިތުރަށް ވިދާޅުވި ގޮތުގައި، މި އިނިޝިއޭޓިވްގެ ދަށުން ޔޫތު މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން މުޅި ބްރޯޑްކާސްޓިންގ ދާއިރާއަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދެވޭނެއެވެ. އަދި ޚާއްޞަކޮށް ޕީއެސްއެމްގެ ޓެކްނިކަލް މުވައްޒަފުން އިތުރަށް ތަމްރީނުކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގޭނެއެވެ.
މި އިނިޝިއޭޓިވްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަމްރީނު ފުރުސަތުތައް ފަހިކޮށްދެވޭނެއެވެ. އަދި މި ރަސްމިއްޔާތުގައި ޕީއެސްއެމުން ވަނީ ޔޫތު މިނިސްޓްރީ، އިސްލާމީ ޔުނިވަރސިޓީ، އެވިޑް ކޮލެޖް އަދި އެމްއައި ކޮލެޖާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މި އިނިޝިއޭޓިވްގެ ދަށުން މިހާރުވެސް އޭޕްރީލް މަހުން ފެށިގެން ތަމްރީނު ޕްރޮގްރާމްތައް ދަނީ ކުރިއަށެވެ.