އއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް އިމާރާތްކުރާ 3 ބުރީގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން އއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކޮމްޕިއުޓަރ ލެބަކާއި، ޕްރެޔަރ ރޫމްއެއް އަދި ލައިބްރަރީއެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިމާރާތުގެ މަސައްކަތް ނިމުމުން، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ހުރިހާ ތައްޔާރީތަކެއް ވެފައެވެ. މި އިމާރާތަކީ ސްކޫލުގެ ތަޢުލީމީ މާހައުލު އިތުރަށް ފުޅާކޮށް، ދަރިވަރުންނަށް މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.