ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2000 އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ. މި މަސައްކަތް ފެށުނުތާ 24 ދުވަސް ވެގެންދިޔައިރު، މިއީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެފްޑީސީން ފާހަގަކުރައްވައެވެ.
އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަށާފައިވާއިރު، ސަރުކާރު ބަންދު ނޫން ހުރިހާ ދުވަހެއްގައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 4000 މީހުންނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ފަހިދިރިއުޅުން ކޯޕަރޭޝަނުންނެވެ. އެފްޑީސީން ވިދާޅުވީ 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވުމަކީ، ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެއް ކަމަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެއްބަސްވުން އެކުލަވާލުމަށްޓަކައި މިހާތަނަށް ވަނީ 3402 މީހުންގެ ނަން އެފްޑީސީއަށް ފޮނުވާފައެވެ. އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަޙައްދުގައެވެ. ޚިދުމަތް އަވަސްކުރުމަށްޓަކައި އެސަރަޙައްދުގައި ވަނީ 10 ވަރަކަށް ކައުންޓަރު ޤާއިމުކޮށްފައެވެ. އެފްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ބޭނުންވާ މުހިއްމު ލިޔެކިޔުންތަކަށް ހަމަކުރުމަށް ފްލެޓް ލިބިފައިވާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި، އިމާރާތްކުރުމާބެހޭ ވުޒާރާއިން ވަނީ 3 ކޮޓަރީގެ ފްލެޓު ދިނުމުގައި އެންމެ ފުރަތަމަ ޤާއިމުކޮށްފައިވާ އުސޫލާ އެއްގޮތަށް 76 މާކްސްއަށްވުރެ މަތިން ފްލެޓު ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭން ނިންމަވާފައެވެ. އަދި އެފަރާތްތަކަށް ދިނުމަށްފަހު، ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޯވޭ ފަރާތްތަކަށް ދިނުމަށް އެވުޒާރާއިން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން 2 ކޮޓަރި ފްލެޓު ދޭން އޭރު އުސޫލުގައި ނިންމާފައިވަނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.