ހުޅުމާލެ ފޭސް 1 އިން ބަނގުރާ ފުޅިތަކެއް ގެންގުޅުނު މައްސަލައެއްގައި އުމުރުން ދުވަސްވީ މީހަކު، ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، ހައްޔަރުކުރެވުނު ފަރާތަކީ ތ. ގާދިއްފުށި / ނީލާއާކާސް، ޢަލީމަނިކު (57 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 1 ގެ ބޯގަންވިލާ މަގުން އޭނާ ދުއްވަމުންދިޔަ ޕިކަޕެއް ހުއްޓުވައި ބަލައިފާސްކުރިއެވެ. މި ބަލައިފާސްކުރުމުގައި ޕިކަޕުން 14 ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން، އޭނާ ލައިގެންހުރި އަންނައުނު ބަލައިފާސް ކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއްވެސް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.
ފުލުހުންބުނީ މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗާއި ބަނގުރަލަކީ ޤާނޫނީގޮތުން މަނާ ތަކެތި ކަމަށްވެފައި، މިފަދަ މައްސަލަތަކުގައި ހަރުކަށި އަދަބު ކަނޑައެޅިފައިވެއެވެ.

