ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރަސްމީ ދަތުރުފުޅެއްގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އެސްސީއޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ސަމިޓުގައި ރައީސް މުއިއްޒު މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިގްތިސާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށް ހަމަޖެހިފައިވެއެވެ.
އެސްސީއޯ އަކީ 2001 ވަނަ އަހަރު އުފެދުނު، ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގްތިސާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން މަސައްކަތްކުރާ ސަރަހައްދީ ޖަމުއިއްޔާއެކެވެ. މި ޖަމުޢިއްޔާ އުފެއްދި ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާން ހިމެނެއެވެ.
ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމުއިއްޔާ ކަމުގައިވާ އެސްސީއޯގައި މިހާރު 10 މެންބަރު ގައުމު ހިމެނޭއިރު، ދިވެހިރާއްޖެއަކީ މި ޖަމުއިއްޔާގެ ޑަޔަލޮގް ޕާޓްނަރެކެވެ.