މިޞްރުގެ ފުލުހުން, ބޭއަދަބީ ޢަމަލު ހިންގުމުގެ ތުހުމަތުގައި އެތައް މިލިޔަން ފޮލޯވަރުން ތިބި ގިނަ އަދަދެއްގެ ޓިކްޓޮކް ތަރިން ހައްޔަރު ކޮށްފި އެވެ. މި ތަރިންނާ ދެކޮޅަށް ނަހަމަ ގޮތުގައި ފައިސާ ހޯދުމާއި، ފައިސާ ލޯންޑަރ ކުރުމުގެ އިތުރުން ޢާއިލީ މިންގަނޑުތަކާ ޚިލާފު ޓިކްޓޮކް ވީޑިއޯ ހެދުމުގެ ތުހުމަތުތައް ވަނީ ކޮށްފައެވެ.
މިޞްރުގެ ރަސްމީ އިދާރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި ފައިސާ ނަހަމަ ގޮތުގައި ހޯދުމުގެ 10 މައްސަލައެއް ދައުލަތުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރެވުނު ތަރިންގެ ޕާސްޕޯޓުތައް ހިފަހައްޓައި، ބޭންކު އެކައުންޓުތައް ފްރީޒްކޮށް، އަދި އެ މީހުންގެ ފޯނާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ސާމާނު ވެސް ވަނީ އަތުލާފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނޭ 19 އަހަރުގެ މަރިޔަމް އައިމަންއަކީ 9.4 މިލިޔަން ފޮލޮވަރުން ތިބި ޓިކްޓޮކް ތަރިއެކެވެ. އޭނާ ވަނީ އޮގަސްޓު 2 ވަނަ ދުވަހު ހައްޔަރުކޮށް ޖަލަށް ލާފައެވެ. މަރިޔަމްއާ ދެކޮޅަށް 300،000 އެމެރިކާ ޑޮލަރު ލޯންޑަރ ކުރުމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.
ފާޑުކިޔުންތެރިން ފާހަގަކުރާ ގޮތުގައި މި ހައްޔަރު ކުރުންތަކަކީ މިޞްރު ސަރުކާރުން ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކުރާ މަސައްކަތެކެވެ. މިޞްރުގެ މީޑިއާ ދައުލަތުގެ ބާރުގެ ދަށުގައި އޮންނައިރު، ޒުވާނުންނަށް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވެނީ ހަމައެކަނި އިންޓަނެޓާއި މީސްމީޑިއާ މެދުވެރިކޮށް ކަމަށް އެފަރާތްތަކުން ބުނެއެވެ.
މިޞްރުގެ ޤާނޫނުގައި ޢާއިލީ މިންގަނޑުތަކާ ޚިލާފު އަދި ބޭއަދަބީ ޢަމަލުތަކުގެ ގޮތުގައި ބެލެވޭނެ ކަންކަން ސާފުކޮށް ބަޔާންކޮށްފައި ނުވިނަމަވެސް، އެންމެ ވީޑިއޯއެއް ވެސް ބޭއަދަބީ ވީޑިއޯއެއްގެ ގޮތުގައި ފާހަގަކުރެވިއްޖެނަމަ، އެ ތަރިއަކަށް ލިބޭ ހުރިހާ އާމްދަނީއަކީ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާގެ ގޮތުގައި ބަލައި، މާލީ ކުށުގެ ދަޢުވާ ކުރެވެއެވެ.

