ދިވެހީންގެ މުސްތަޤުބަލުގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި އިންޖިނޭރުންގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
އެކި ދާއިރާތަކުގައި މަސައްކަތްކުރެއްވި އަދި މިހާރުވެސް މަސައްކަތް ކުރައްވަމުންގެންދަވާ ހީވާގި ދިވެހި އިންޖިނޭރުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވަމުން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި “އިންޖިނޭރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އެއީ ޤައުމު ބިނާކުރުމަށާއި، އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ އަގުހުރި ޚިދުމަތެކެވެ.”
އިންޖިނޭރުކަމަކީ ޢިލްމާއި ޙިލްމާއި ދުރުވިސްނުމުގެ ބޭނުން ހިފަންޖެހޭ ޚާއްސަ ހުނަރެއްކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދާއިރާގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިއަހަރުގެ ޖޫން 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރެއްވުމަށް ނިންމަވާފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު 30 ހަމަޖައްސަވާފައިވަނީ، ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބުރިޖު އިފުތިތާޙުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ.
އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާއިންނެވެ