ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު ކުރައްވާފައިވަނީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދިވެހިރާއްޖެ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ މަންޒިލަކަށް ހެދުމުގައި އެމްޔޫ މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި އަދާކުރެއްވި ދައުރު ނުހަނު ބޮޑުކަމަށެވެ. އަދި އެމަނިކުފާނުގެ އަވަހާރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށްވެސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ އެއްބާނީ އެމްޔޫ މަނިކު އަވަހާރަވެފައިވަނީ ސިއްޙީ ޙާލަތު ދެރަވެ، ސިންގަޕޫރުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ. އުމުރުފުޅުން 78 އަހަރުފުޅުގައި އަވަހާރަވި އެމަނިކުފާނުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސުރު ނަމާދަށްފަހު ސިންގަޕޫރުގައެވެ.
އެމްޔޫ މަނިކު ސަރުކާރަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 1971 ވަނަ އަހަރުގެ ޖޫން 5 ވަނަ ދުވަހުއެވެ. އަދި 1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ފެށުމުގައި ކުރީ ސަފުގައި މަސައްކަތްކުރެއްވި އެއް ބާނީއަކީވެސް އެމަނިކުފާނެވެ.
އެމަނިކުފާނު ދިވެހި ދައުލަތަށާއި ޤައުމާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވައި، 2011 ވަނަ އަހަރު ވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުވާފައެވެ. އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ސަރުކާރާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި އަދި ގިނަ ބަޔަކު ދަނީ ތަޢުޒިޔާ ފޮނުއްވަމުންނެވެ.