ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ބައިނަލްއަގުވާމީ ލީޑަރުންނާ ބައްދަލުކުރައްވައި، ގުޅުން ބަދަހިކޮށް އާ ފުރުސަތުތައް ފަހިކުރެއްވުމަށް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ހަފްތާގައި ޗައިނާގައި ބޭއްވުނު ބައްދަލުވުންތަކުގައި ގުޅުންތައް ވަރުގަދަކޮށް، އާ ފުރުސަތުތައް ހޯދުމަށް ބައިނަލްއަގްވާމީ ލީޑަރުންނާ ބައްދަލުކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަތެވެ.
އެސްސީއޯ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއާއި، ޑިޖިޓަލް އިނޮވޭޝަނާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަބަދުވެސް އަހައްމިއްޔަތުކަން ދޭނެކަމުގެ ޔަގީންކަން ދެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
“ވަރަށް ހޫނު މެހެމާންދާރީއާއި މާނަހުރި މަޝްވަރާތަކަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ ގައުމަށާއި، މި ސަރަހައްދަށްޓަކައި ކުރިއަށް މިދަނީ” ރައީސް ވިދާޅުވިއެވެ.
ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދު 11 ދާއިރާއަކުން އެއްބާރުލުން ދިނުމާބެހޭ ފަހުމުނާމާތަކުގައި މިއަދު ސޮއިކުރެވުނެވެ. މީގެ ތެރޭގައި އިގްތިސާދީ ތަރައްގީ، އުމުރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެގައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނެއެވެ.