އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިއަދު ވަނީ އެ ކޮމިޝަނުގެ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ އަދި ފަންނީ ޤާބިލްކަން ކަނޑައަޅާ މައި އޮނިގަނޑެއް އިފްތިތާޙުކޮށްފައެވެ. މި އޮނިގަނޑު އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީއެވެ.
މި އޮނިގަނޑަކީ ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ މުއައްސަސާގެ ތަޞައްވުރަށް ވާޞިލުވުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. މި އޮނިގަނޑުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މަޤާމުތަކުގެ މަސައްކަތަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ލިޔެވި ފެންނަން އޮތުމާއި، ނަތީޖާ ރަނގަޅުކުރުމަށް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރަންޖެހޭ ކަންތައްތައް ބަޔާންކުރުން ހިމެނެއެވެ.
އޮނިގަނޑު އެކުލެވިގެންވަނީ “ޖެނެރަލް ކޮމްޕީޓެންސީ”، “ޓެކްނިކަލް ކޮމްޕީޓެންސީ” އަދި “މެނޭޖީރިއަލް ކޮމްޕީޓެންސީ” މި ތިން ބަޔަށެވެ. މީގެ ތެރެއިން ޖެނެރަލް ކޮމްޕީޓެންސީގައި ހިމެނެނީ ހުރިހާ މުވައްޒަފުންގެ ކިބައިގައިވެސް ހުންނަންޖެހޭ އަސާސީ ސިފަތަކާއި ހުނަރުތަކެވެ. އަދި ޓެކްނިކަލް ކޮމްޕީޓެންސީގައި ހިމެނެނީ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ފަންނީ ޤާބިލްކަމެވެ.
މި އޮނިގަނޑުގައި ކޮންމެ ކޮމްޕީޓެންސީއެއްގައި ތިން ފަންތިއެއް ކަނޑައަޅާފައިވެއެވެ. އެއީ ބޭސިކް ލެވެލް (ލެވެލް 1)، އިންޓަމީޑިއޭޓް ލެވެލް (ލެވެލް 2) އަދި އެޑްވާންސް ލެވެލް (ލެވެލް 3) އެވެ. މި ލެވެލްތައް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ މަޤާމުތަކާއި ފަންތިތަކަށް ބަލައިގެންނެވެ.
މި އޮނިގަނޑުގެ ސަބަބުން މުވައްޒަފުންނަށް އެމީހުންގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ސާފުކޮށް އެނގި، ކޮމިޝަނަކީ ޤާބިލު މުވައްޒަފުންތަކެއް މަސައްކަތްކުރާ، ނަތީޖާ ނެރެވޭ މުއައްސަސާއަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

