ހިތުގެ ބަލިތަކާ ކުރިމަތިލާންޖެހޭ ދަތި އުނދަގޫ ހާލަތުގެ ތަޖުރިބާ ދުނިޔެއަށް ހިއްސާކޮށް، އެފަދަ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ‘ޓައިނީ ހާޓްސް އޮފް މޯލްޑިވްސް’ (ޓީ.އެޗް.އެމް) އިން ވަނީ ފާތިމަތު ހިޝްމަތާއި އަލީ މުއާޒުގެ ދަރިފުޅު، މުހައްމަދު ކިޔާން އަލީ މުއާޒްގެ ހިތްދަތި ވާހަކަ ހިމަނައިގެން ޕެޓިޝަނެއް ހުށަހަޅާފައެވެ. އުންމީދު ނުކުރާ މިންވަރަކަށް، މި ޕެޓިޝަނަށް މިހާރު ވަނީ ދުނިޔޭގެ ސަމާލުކަން ލިބި، ގިނަ ބަޔެއްގެ ތާއީދު ހޯދާފައެވެ.
ކިޔާންގެ ހިތްދަތި ދަތުރު
މުހައްމަދު ކިޔާން އަލީ މުއާޒް އުފަންވީ 2008 ވަނަ އަހަރު، ފެންނަ ފެނުމަށް ސިއްހަތު ރަނގަޅު ތުއްތު ކުއްޖެއްގެ ގޮތުގައެވެ. ނަމަވެސް، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ކިޔާންގެ ސިއްހަތަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ކިޔާންގެ ތުންފަތާއި ނިޔަފަތިތަކާއި ހަށިގަނޑު ނޫފައިގެންފައިވާކަން ނަރުހަކަށް ފާހަގަކުރެވުނެވެ. އެއީ ކިޔާންގެ މައިންބަފައިންނަށް އެމީހުންގެ ލޯބިވާ ތުއްތުދަރިފުޅުގެ ހިތުގެ މައްސަލައެއް އުޅޭކަން އެނގުނު ހިސާބެވެ. އެހެންނަމަވެސް، ‘ކޮންޖެނިޓަލް ހާޓް ޑިފެކްޓް’ (ސީ.އެޗް.ޑީ) އަކީ އޭރު އެ ދެމަފަރިންނަށް މާ ބޮޑަށް އެނގޭ ބައްޔެއް ނޫންކަމުން، އެފަދަ ނުރައްކާތެރި ބައްޔަކާ ކުރިމަތިލާނެ ގޮތެއް އެމީހުންނަކަށް ނޭނގެއެވެ.
އުމުރުން އެންމެ ފަސް ދުވަހުގެ ކިޔާންގެ ބައްޔަށް ފަރުވާ ހޯދުމަށް އޭނާގެ މައިންބަފައިން އިންޑިއާއަށް ދަތުރުކޮށް، ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. މި އޮޕަރޭޝަނަށްފަހު، ކިޔާން ރާއްޖެ ގެނެވުނީ އެއް މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އޮޕަރޭޝަނަށްފަހު ކިޔާންގެ ހާލު ރަނގަޅުވެ، އެ އާއިލާއަށް އަނެއްކާވެސް އުފާވެރިކަމާއި ހިނިތުންވުން ލިބުނެވެ. ނަމަވެސް، އެ އުފާ ދެމިއޮތީ ވަރަށް ކުޑަ ދުވަސްކޮޅަކަށެވެ. ކުއްލިއަކަށް ކިޔާންގެ ހާލަތު ގޯސްވެ، އޭނާއަށް ކުއްލި ފަރުވާއަށް ބޭނުންވިއެވެ. އެވަގުތު ރާއްޖެއިން އެފަދަ ފަރުވާއެއް ނުލިބޭތީ، މައިންބަފައިންނަށް އަނެއްކާވެސް ޖެހުނީ އިމަޖެންސީ ފްލައިޓެއްގައި ތުއްތު ކިޔާން ގޮވައިގެން އިންޑިއާއަށް ދާށެވެ. އެހެންނަމަވެސް، އެފަހަރު ލަސްވެ، ވަގުތު ފާއިތުވެފައި ވިއެވެ. ފަރުވާ ހޯދާތާ ތިން މަސް ފުރިހަމަވާން ގާތްވެފައި ވަނިކޮށް، ތުއްތު ކިޔާން މި ދުނިޔެ ދޫކޮށް ދިޔައީއެވެ.
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އުފެދުން
ކިޔާންގެ މައިންބަފައިން މި ހިތާމައިގެ ތެރެއިން ހިތްވަރު ލިބިގަނެ، އެހެން އާއިލާތަކަށް މިފަދަ ހިތާމައެއް ދިމާނުވުމަށް، ހިތުގެ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރަން ބޭނުންވިއެވެ. ހިތުގެ ބަލިތައް ލަހުން ދެނެގަނެވުމުގެ ސަބަބުން އެހެން ފުރާނައަކަށް ގެއްލުމެއް ނުލިބޭނެ ގޮތަކަށް މަސައްކަތް ކުރުމުގެ އުންމީދުގައި، ޖުލައި 8، 2009 ގައި، ކިޔާންގެ ފުރަތަމަ އުފަން ދުވަހު ‘ޓައިނީ ހާޓްސް އޮފް މޯލްޑިވްސް’ ރަޖިސްޓަރީ ކުރިއެވެ. މިއަދު ޓީ.އެޗް.އެމް އަކީ ހިތުގެ ބައްޔަށް މީހުން ހޭލުންތެރިކުރުމުގައި މެދުނުކެނޑި މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މިކަމަށްޓަކައި އެތައް ވަގުތެއް ހޭދަކޮށް، އަގުނުކުރެވޭ ފަދަ މަސައްކަތްތަކެއް އެ ޖަމިއްޔާއިން ކޮށްދީފައިވެއެވެ. ފާއިތުވި 16 އަހަރު އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން ދަނީ ހިތުގެ ބަލީގައި އެހެން ފުރާނައެއް ގެއްލުނަ ނުދިނުމަށެވެ.
ޕެޓިޝަނަށް ދުނިޔޭގެ ސަމާލުކަން
މިއަހަރުގެ ދުނިޔޭގެ ހިތު ދުވަހާ ދިމާކޮށް، ‘ޗޭންޖް ޑޮޓް އޯގް’ (Change.org) އާއި ‘ވޯލްޑް ހާޓް ފެޑެރޭޝަން’ (ޑަބްލިއު.އެޗް.އެފް) އާ ގުޅިގެން ޓީ.އެޗް.އެމް އިން ވަނީ، ލޭމައްޗަށް ދިޔުމުގެ ފަރުވާއާއި ސްކްރީނިން ފުޅާކުރުމަށް ސަރުކާރުތަކަށް ގޮވާލާ ބައިނަލްއަޤްވާމީ 10 ޕެޓިޝަނެއް ފަށާފައެވެ. އެގޮތުން، ކިޔާންގެ ހިތްދަތި ވާހަކަ ކިޔައިދޭ ޕެޓިޝަން އެ ޖަމިއްޔާއިން ހުށަހެޅީ ގިނަ ބަޔެއްގެ ސަމާލުކަން ލިބޭނެ ކަމަށް އުންމީދު ނުކޮށެވެ.
ނަމަވެސް، މި 10 ޕެޓިޝަންގެ ތެރެއިން ކިޔާންގެ ވާހަކަ ހޮވި، މިހާރު ޗޭންޖް ޑޮޓް އޯގްގައި ފީޗާކޮށްފައިވެއެވެ. އަދި މި ވާހަކައަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން އަތުލާފައެވެ. މި ލިޔުން ލިޔެވޭއިރު، އެ ޕެޓިޝަން އޮތީ ލިސްޓުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ޕެޓިޝަނާ އަދި ކިޔާންގެ ވާހަކަ ކިޔައިދޭ ޕެޓިޝަނާ ދެމެދުވަނީ 50 އަކަށް ސޮއިގެ ފަރަގެކެވެ. އެހެންކަމުން، މިހާރަށްވުރެ ގިނަ ބަޔެއްގެ ސޮއި ކިޔާންގެ ޕެޓިޝަނަށް ލިބިއްޖެނަމަ، ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަން މި ޕެޓިޝަނަށް ލިބި، ހިތުގެ ބަލިތަކަށް މީހުން ހޭލުންތެރިވާ މިންވަރު އިތުރުވާނެއެވެ. ޓީ.އެޗް.އެމްގެ އެދުމަކީ، ވީހާވެސް ގިނަ ބަޔަކު މި ޕެޓިޝަންގައި ސޮއިކޮށްދިނުމެވެ.
ބައިނަލްއަޤްވާމީ ފުރުސަތެއް
ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭގޮތުން އ.ދ. އިން ބާއްވާ ހައިލެވެލް ބައްދަލުވުމުގައި ހިތުގެ ބަލިތަކަށް ޚަރަދުކުރާ މިންވަރު އިތުރުކުރުމަށް ވަކާލާތުކުރާ ޕެޓިޝަންތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ސޮއި ލިބިފައިވަނީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ޕެޓިޝަނަށެވެ.
“ރާއްޖެ މިވަނީ ބައިނަލްއަޤްވާމީ ގޮތުން ހިތުގެ ބަލިތަކަށް ވަކާލާތުކުރުމަށް ފުރުޞަތު ލިބޭ ޤައުމަކަށް. އެހެންވެގެން މިކަމަށް ބޭނުންވޭ ގިނަ މީހުންގެ ސޮއި ހޯދަން. އަޅުގަނޑުމެން ބޭނުންވަނީ މި ޕެޓިޝަންއަށް ރާއްޖެއިން ވީހާވެސް ގިނަ ސޮއި ލިބުން.” ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ޗެއާރޕާސަން ޖީހާން މަހުމޫދު
ވޯލްޑް ހާޓްސް ފެޑަރޭޝަނުން ޗޭންޖް ޑޮޓް އޯގް މެދުވެރިކޮށް ތައްޔާރުކުރި 10 ޕެޓިޝަނުގެ ތެރެއިން މި ޕެޓިޝަނަށް މިހާ ބޮޑު ތަރުހީބެއް ލިބުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހިތުގެ ބަލިތަކަށް ވަކާލާތުކުރުމަށް ރާއްޖެއަށް ލިބުނު މުހިންމު ފުރުސަތެކެވެ. އެންމެ ގިނަ ސޮއި ލިބޭ ޕެޓިޝަނަށް ވުމަށް މަދުވަނީ އެންމެ 50 ސޮއިއެވެ.
2017 އިން ފެށިގެން ވޯލްޑް ހާޓްސް ފެޑަރޭޝަންގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ދުނިޔޭގެ ހިތު ދުވަސް ފާހަގަކުރުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ. މި ޕެޓިޝަނަކީ ހިތުގެ ބަލިތަކާ ކުރިމަތިލާ އާއިލާތަކަށް އުއްމީދުގެ އަލިކަމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.
ކިޔާންގެ ހިތާމަވެރި ވާހަކަ މެދުވެރިކޮށް ދުނިޔޭގެ ސަމާލުކަމަށް މިހާރު އައިސްފައިވާ މި ޕެޓިޝަނަކީ، ހިތުގެ ބަލިތަކާ ކުރިމަތިލާ އެތައް އާއިލާއަކަށް އުއްމީދުގެ އަލިކަމެކެވެ. މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ހިތުގެ ބަލިތަކަށް މީހުން ހޭލުންތެރިކުރުމާއި، ފަރުވާ ދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކަށް އިތުރު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

