ބުރޫޖް ޕްރީސްކޫލާއި ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ދަރިވަރުންނަށް ސްޓެލްކޯގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެ ދަރިވަރުން ސްޓެލްކޯގެ އިންޖީނުގެތަކަށް ޒިޔާރަތްކޮށްފިއެވެ.
މި ގޮތުން ބުރޫޖް ޕްރީސްކޫލުގެ ދަރިވަރުން ސްޓެލްކޯގެ ހެޑް އޮފީހަށް ކުރި ޒިޔާރަތުގައި، މާލޭ އިންޖީނުގެ ދެއްކުމުގެ އިތުރުން، އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ އެ ދަރިވަރުންނަށް ދައްކާލާފައެވެ. އަދި ސްޓެލްކޯގެ މަސައްކަތްތަކާ ބެހޭ މުހިންމު މަޢުލޫމާތުތައް ވެސް ވަނީ ދަރިވަރުންނާ ހިއްސާކޮށްފައެވެ.
ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ދަރިވަރުން ޒިޔާރަތްކުރީ ހުޅުމާލޭގެ އިންޖީނުގެއަށެވެ. މި ޒިޔާރަތުގައި ދަރިވަރުންނަށް އިންޖީނުގެ ދެއްކުމުގެ އިތުރުން، އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ސްޓެލްކޯއާ ބެހޭ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި މި ޒިޔާރަތްތަކަކީ ދަރިވަރުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރެވޭ މަސައްކަތްތަކާއި، އިންޖީނުގެތައް ހިންގުމުގައި ގެންގުޅޭ ޓެކްނޮލޮޖީއާއި، އަދި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ދައުރު އޮޅުންފިލުވައިދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި ފަދަ ޒިޔާރަތްތަކަކީ ކުޑަކުދިންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މުހިންމުކަން އަންގައިދިނުމާއެކު، މުސްތަޤުބަލުގައި މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ދަރިވަރުންނަށް މަގުދައްކައިދޭނެ ފުރުސަތެއް ކަމުގައި ވެސް ބެލެވެއެވެ.