މިރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުން އޮންނާނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިކަން އިޢުލާނު ކުރައްވަމުން ބުނީ، ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 20:28 ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިރޭ 23:11 ގައި ކަމަށާއި، ހަނދުކޭތަ ވީއްލާނީ މެންދަމު އަލިވެ 01:55 ހާއިރު ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ހަނދުކޭތައާ ގުޅިގެން، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުރިހާ ކައުންސިލްތަކަށް އަންގާފައެވެ. މިގޮތުން ކޮންމެ ރަށެއްގައިވެސް އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި މިރޭ 23:12 ގައި ކޭތަ ނަމާދު ކުރެވޭނެއެވެ.
މާލެ ސަރަޙައްދުގައި ކޭތަ ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މާލޭގައި ނަމަ އިސްލާމީ މަރުކަޒުގައެވެ. އަދި ހުޅުމާލޭގައި ނަމަ މަސްޖިދުއް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގައެވެ.
މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފުރިހަމައަށް ފެންނާނެ ކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. އަދި މީގެ ފަހުން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައި ކަމަށްވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.