މާލޭގެ ހ. މެލްބޯން ގޭގެ 2ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބަދިގޭގެ ހުޑެއްގައި މިއަދު ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާގެ މައުލޫމާތު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 11:00 ހާއިރުއެވެ. އަދި މައުލޫމާތު ލިބުމާއެކު ވަގުތުން ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، 17 މިނިޓެއްހާއިރުގެ ތެރޭގައި އަލިފާން ވަނީ ނިއްވާލެވިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން އެމްއެންޑީއެފުން ފާހަގަކުރެއްވިއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ.

