ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި މުހިންމު ނިންމެވުން ނިންމެވީ، ދޮންފަނު ބިންހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ބ. އަތޮޅުގައި އޮތް ބަޔޯސްފެއަރ ރިޒަރވްއަށް ލިބިދާނެ ގެއްލުމާ ގުޅޭގޮތުން ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާ ގުޅިގެންނެވެ.
“މި ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދަނީ ރައްޔިތުންގެ ފަރާތުން އެދެމުންދާ ކަންކަމަށް އިސްކަންދެއްވައިގެން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންނުވާ ކަންކަން އެއްވެސް ރަށެއްގައި ސަރުކާރުން ކުރިއަށް ނުގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދޮންފަނަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ސަރަހައްދެއްގައި އޮތް ރަށެއް ކަމަށްވުމާއެކު، މި ނިންމުމަކީ އެ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.