ކޮޅުމަޑުލު މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 82 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ. މި ރަސްމިއްޔާތުގައި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަހީދު އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީޙް އަފީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން މަޑިފުށީގެ މަގުތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ 82,938,294.36 ރުފިޔާއަށެވެ. މި މަސައްކަތުގެ ތެރޭގައި ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް އިސްކަންދީގެން ތަރައްޤީކުރުން ހިމެނެއެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް އާރުޑީސީއާ ހަވާލުކުރަމުންދާ ކަމަށާއި، މި މަސައްކަތްތައް ކުރިއަށް ގެންދާނީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ބަޔާންކޮށްފައެވެ. މަގުތައް ތަރައްޤީ ކުރާ އިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ މުހިންމު ވަސީލަތްތައްވެސް ޤާއިމްކުރެވޭނެއެވެ.