ގަތަރުގެ ވެރިރަށް ދޯހާއަށް އިސްރާއީލުން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ. މިއީ ހަމާސްގެ ލީޑަޝިޕްގެ އެކި ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެކެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، އެ ގައުމުގެ ވައިގެ ސިފައިން ދޯހާއަށް ހަމަލާދީފައިވަނީ ހަމާސްގެ އިސް ލީޑަރުން އަވަހާރަކޮށްލުމުގެ މަގުސަދުގައެވެ. އަދި ހަމާސް ޖަމާއަތް ބަލިކުރުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.
މި ހަމަލާއާ ގުޅިގެން ރައީސް މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ “އެފަދަ ފިނޑި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަމަލެއް” ކަމަށެވެ. އަދި ރާއްޖެއިން ގަތަރާއެކު ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށާއި، އިސްރާއީލުން ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފުވަމުންދާކަން ފާހަގަކުރައްވާފައިވެއެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާޖިދް އަލް އަންސާރީ އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، “ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ބައެއް މެމްބަރުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ދިން ހަމަލާ އެ ގައުމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ” ކަމަށެވެ. އަދި މި މައްސަލަ އެންމެ މަތީ ފެންވަރުގައި ތަހުގީގު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ އިސްރާއީލާ ދެކޮޅަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވާފައެވެ. މި ހަމަލާ ދީފައިވަނީ ހަމާސް ޖަމާއަތުގެ ލީޑަރުން އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ އިޔާލް ޒާމިރު ދެއްވާފައިވަނިކޮށެވެ.