އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޤަތަރުގައި ތިބި ހަމާސްގެ ލީޑަރުން އެޤައުމުން ބޭރުނުކޮށްފިނަމަ އެމީހުން މަރާލަން މަސައްކަތްކުރާނެކަމަށް ބުނެ އަނެއްކާވެސް އިންޒާރުދީފިއެވެ.
މިކަމާ ގުޅިގެން ޤަތަރުން ވަނީ ހަރުކަށި ޖަވާބެއް ދީފައެވެ.
ޤަތަރުގެ ވެރިރަށް ދޮހާއަށް ދިން ހަމަލާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ފާޅުކުރި ކަންބޮޑުވުމަށް އެއްވެސް އަހައްމިއްޔަތުކަމެއް ނުދީ، ނަތަންޔާހޫ ވަނީ އިއްޔެ ބުނީ މެދުއިރުމަތީގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަތަކަށް ޤައުމުތަކުން “އަތްތިލަބަޑިޖަހަން” ޖެހޭނެ ކަމަށެވެ.
“އަހަރެން ޤަޠަރަށާއި ޓެރަރިސްޓުންނަށް ހިޔާވަހިކަން ދޭ ހުރިހާ ޤައުމުތަކަށް ބުނާނީ، އެމީހުން ބޭރުކުރަން އެހެންނޫނީ އެމީހުން ޢަދުލު އިންސާފުގެ ކުރިމައްޗަށް ގެންނަން އެހެނީ ތިބާމެން އެކަން ނުކޮށްފިނަމަ، އަހަރެމެން އެކަން ކުރާނަން” ނަތަންޔާހޫ ވަނީ ބުނެފައެވެ.
އޭނާ މިހެންބުނީ ޣައްޒާއަށް އެމެރިކާގެ އެހީތެރިކަމާއެކު ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދަނިކޮށް، އިސްރާއީލުން ޤަޠަރުގައި ތިބި ހަމާސްގެ އިސް ލީޑަރުންނަށް އަމާޒުކޮށް މިހާތަނަށް ދުވަހަކުވެސް ނުދޭވަރުގެ ހަމަލާއެއް ދޯހާއަށް ދިންތަން ދުވަހެއް ފަހުންނެވެ.
މިކަމާ ގުޅިގެން ޤަޠަރުގެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެ، އިސްރާއީލުގެ ބޮޑުވަޒީރުގެ ބަސްފުޅުތައް ކުށްވެރިކޮށް، އެއީ “ޤަޠަރުގެ ސަރަޙައްދަށް އަމާޒުކޮށް ދިން ފިނޑި ހަމަލާ ޖަސްޓިފައިކުރުމަށް ކުރި ލަދުވެތި މަސައްކަތެއް ކަމަށާއި، އަދި މުސްތަޤުބަލުގައި ދައުލަތުގެ ސިޔާދަތަށް އަރައިގަތުމުގެ ސީދާ އިންޒާރުތަކެއް” ކަމުގައި ބުނެފައިވެއެވެ.
“ނަތަންޔާހޫއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ހަމާސްގެ އޮފީހެއް ބެހެއްޓުމަށް ހުއްދަދީފައިވަނީ އެމެރިކާއާއި އިސްރާއީލުން އެދިގެން ޤަޠަރުން ކުރަމުންދާ މެދުވެރިކަމުގެ މަސައްކަތްތަކުގެ ތެރެއިން ކަން،” އެ ބަޔާނުގައި ބުނެފައިވެއެވެ.
ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި، އިސްރާއީލުން ވަނީ ޣައްޒާ، ލުބުނާން، ޔަމަން، ސީރިއާ، ޓިއުނީޝިއާ އަދި ޤަޠަރުގައި ހަމަލާތައް ދީފައެވެ. އަދި އޭގެ އިތުރުން އިސްރާއީލުން ދަނީ އޮކިއުޕައިޑް ވެސްޓް ބޭންކުގައި ކޮންމެ ދުވަހަކު ރެއިޑްތައް ހިންގަމުންނެވެ. ބުދަ ދުވަހު އިސްރާއީލުން ވަނީ ޔަމަނަށް ދިން ހަމަލާއެއްގައި 35 މީހުން މަރާލާފައެވެ.