މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު މީޑިއާތައް ރެގިއުލޭޓް ކުރުމަށް އުފައްދާ އައު ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މުހިންމު ބަދަލުތަކަކާއެކު މިއަދު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” އަށް އެޓާނީ ޖެނެރަލް އޮފީހުން 13 އިސްލާހެއް ހުށަހެޅިއެވެ. މީގެ ތެރޭގައި، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް 67 ވަނަ މާއްދާ އުނިކުރުން ހިމެނެއެވެ.
ކޮމިޓީގައި ބިލަށް ވޯޓަށް އެހުމުން، ހާޒިރުވެ ތިއްބެވި ޕީއެންސީގެ މެންބަރުން ވަނީ ބިލަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. އެހެންނަމަވެސް، ވޯޓުގެ ވަގުތު ހާޒިރުވެ ތިއްބެވި ނޫސްވެރިންނާއި އެމްޑީޕީ މެންބަރުން އިހުތިޖާޖުކުރުމާ ގުޅިގެން ވޯޓުގެ ނަތީޖާ އިއުލާނު ނުކުރެވުނެވެ.
ބިލަށް ގެނެވުނު މުހިންމު ބަދަލުތައް:
ބިލަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި:
- ކޮމިއުނިކޭޝަން އަދި މީޑިއާގެ ދާއިރާގައި ވިޔަފާރީގެ ހިއްސާ އޮންނަ ފަރާތްތަކަށް ކޮމިޝަނުގެ މެންބަރުކަން ނުލިބޭގޮތަށް ބަދަލުކުރުން
- މެންބަރުން އައްޔަންކުރުމުގެ އުސޫލުތައް ހަރުދަނާކުރުން
- މީޑިއާތަކުގެ އިންތިޚާބުގައި ކޮންމެ މީޑިއާއަކަށް އެއް ވޯޓު ދެވޭގޮތަށް ހަމަޖެއްސުން
- ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ މާއްދާ އުވާލުން
ކޮމިޓީގެ މުގައްރިރު ހުސައިން ރިޒާ އާދަމް ވިދާޅުވި ގޮތުގައި، ބިލު ފާސްކުރުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ބިލު ފާސްކުރަން ނުފެންނަ މެންބަރުން ތިއްބެވިތޯ ބެއްލެވި ނަމަވެސް، އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ، ބިލު ވަނީ އިއްތިފާގުން ފާސްވެފައެވެ

