ހަލާލު ޓޫރިޒަމް ތަރައްްޤީކުރުމަށް, އައްޑޫ ސިޓީ “ދޮންހެރަ” ހުޅުވާލައިފިއެވެ. “ދޮންހެރަ” ހަލާލު ޓުއަރިޒަމަށް ކަނޑައަޅައި، ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފައިވާއިރު، މިހާތަނަށް ސަރުކާރުން ވަނީ 6 ރަށެއް އިޢުލާނުކޮށްފައެވެ. ދޮންހެރައަކީ މި ސްކީމުގެ ދަށުން އިޢުލާނުކުރި 7ވަނަ ރަށެވެ.
ދޮންހެރައަކީ 8 ހެކްޓަރުގެ ރަށެކެވެ. އަދި އެރަށް ފަތުރުވެރިކަމަށް ހުޅުވާލާފަވަނީ ބިން އިތުރަށް ހިއްކައިގެންވެސް މަޝްރޫޢު ގެންދެވޭގޮތަށެވެ. މި މަޝްރޫޢުއަށް ހުޅުވާލީ 100 އެނދު ފަތުރުވެރިކަމަށް ނެރޭގޮތަށެވެ.
މި މަޝްރޫޢުގެ ލީސް އެކުއިޒިޝަން ކޮސްޓަކީ 498،420 ޑޮލަރެވެ. މި މަޝްރޫޢުގެ ޕްރީ ބިޑް މީޓިންގ އޮންނާނީ މިމަހުގެ 27ވަނަ ދުވަހާއި އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. ބިޑް ހުށައެޅުން އޮންނާނީ 8 ޑިސެމްބަރުގައެވެ.
މި ރަށް ދޫކުރަނީ ފަތުރުވެރިކަމާ ބެހޭ ޤާނޫނުގެދަށުން 5 އަހަރުދުވަހުގެ މުއްދަތަކަށެވެ.
އައްޑޫގަ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

