ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މިފަދައިން ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ޚަބަރާއި މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނޭގޮތަށް، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭންޖެހޭ ޚިދުމަތެއްކަމަށެވެ. އަދި “ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުމާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުން” ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ރަސްމީ ސިފައެއްގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިގެން އައީ ރޭޑިއޯގެ ޚިދުމަތާއެކު 1962 ވަނަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ. އަދި ޓީވީގެ ޚިދުމަތް ރާއްޖޭގައި ފެށިފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު 29 ވަނަ ދުވަހު ޓީވީ މޯލްޑިވްސްގެ ނަމުގައެވެ. މި ދެ ޚިދުމަތަކީވެސް ސަރުކާރުން ފޯރުކޮށްދެމުންދިޔަ ޚިދުމަތެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތްއޮތުން ނިމުމަކަށް ގެނެސް، މި ސިނާޢަތުގައި ހަރަކާތްތެރިވުމަށް އަމިއްލަ ފަރާތްތަކަށް ރާއްޖޭގައި ހުޅުވާލެވުނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.
ޤައުމީ ފެންވަރެއްގައި ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކޮށް، އެ ސިނާއަތުގެ ތަރައްޤީއަށް މަގުފަހިކުރުމެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބްރޯޑްކާސްޓިންގ ދާއިރާގެ އެންމެހާ ޚިދުމަތްތެރިންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.