އިދިކޮޅު އެމްޑީޕީން މުޒާހަރާ ކުރުމުގެ ނަމުގައި ހިންގާފައި ވަނީ ޤާނޫނާއި ޚިލާފު، ހަމަނުޖެހުން އުފެއްދުމުގެ ޢަމަލުތަކެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ. މިކަން ޕީއެންސީން ފާހަގަ ކޮށްފައި ވަނީ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ޕީއެންސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީން މުޒާހަރާ ބޭއްވުމަށް ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވެފައިވީ ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ގަލާއި ފުޅި އުކައި، ފުލުހުންގެ ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތް ކޮށްފައިވެއެވެ.
އަދި މުޒާހަރާއަށް ރަށްރަށުން ގެނެސްފައިވާ ފަރާތްތަކަށް އަސާސީ ޚިދުމަތްތައް ކަމުގައިވާ ކެއުމާއި ހުރުމުގެ އިންތިޒާމު ހަމަޖައްސައި ނުދިނުމުގެ ސަބަބުން އެ ފަރާތްތައް މާލޭގެ މަގުމަތީގައި ހާލުގައި ޖެހުނު ކަމަށް ޕީއެންސީން ފާހަގަކޮށްފައިވެއެވެ. “މިއީ އެމްޑީޕީން ތަމްސީލުކުރާ ރައްޔިތުންނާ މެދު ޢަމަލުކުރި ޒިންމާދާރުކަން ކުޑަ ގޮތެއް” ކަމަށް ޕީއެންސީން ބުނެފައިވެއެވެ.
ވެރިކަންކުރާ ޕާޓީން އިތުރަށް ބުނެފައިވަނީ ސަރުކާރުން އަބަދުވެސް އެއްވެއުޅުމުގެ ޤާނޫނާ އެއްގޮތަށް ޚިޔާލުފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. ނަމަވެސް މި ފުރުސަތަކީ ތަންތަނަށް ގެއްލުންދީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދިނުމުގެ ފުރުސަތެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޕީއެންސީން ވަނީ ފުލުހުން ދައްކުވައިދިން ޕްރޮފެޝަނަލިޒަމް ފާހަގަކޮށް، އާންމުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ފުލުހުން ކޮށްފައިވާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. އަދި ބަޔާން ނިންމާލާފައިވަނީ ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން ކަމަށް ފާހަގަކޮށް، ހަމަޖެހުން ނަގާލުމަށް ހިންގާފައިވާ ޢަމަލުތައް ކުށްވެރިކޮށް، އެކަން ކުރި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.