އައްޑޫ ސިޓީ މީދޫ މަތިކިޅި އިކޯ ގާޑަންގައި އަލިފާން ރޯވެ، އެތަނުގެ ވޯކްވޭގެ ދެބައިކުޅަ އެއްބައި އަނދައި ހުލިވެއްޖެއެވެ. މި ހާދިސާގައި ދުމުގެ އަސަރުކުރި މީހަކަށް ފަރުވާ ދޭންޖެހުނު ކަމަށް ވެއެވެ.
މަތިކިޅި ސޮސައިޓީގެ އޮފިޝަލަކު ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި ރުއްގަސް އިންދުމަށް ތަން ސާފުކުރުމުގެ ގޮތުން ބަޔަކު ރޯކުރި އަލިފާނުގެ ސަބަބުންނެވެ. އަދި މި ހާދިސާގައި 90 ފޫޓުގެ ވޯކްވޭއަށް ލިބުނު ގެއްލުމުގެ ސަބަބުން މިހާރު އެތަނަށް ވަދެވޭ ގޮތެއް ނެތް ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
“ވަރަށް ބޮޑަށް އަނދައިފި މިހާރު. ވީގޮތަކީ އެތާ ކައިރި ސަރަހައްދެއްގައި ހީވަނީ ރުއްގަސް އިންދަންވެގެން ބަޔަކު އެއްޗެހިތައް އަންދަންވެގެން ރޯކޮށްލީމަ ކަމަށް،” އެ އޮފިޝަލް ވިދާޅުވިއެވެ.
މި އަހަރުގެ މާޗް މަހު ވެސް މަތިކިޅި އިކޯ ގާޑަންގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އެތަނުގެ ގްރާސް ފީލްޑުގެ 60 އިންސައްތަ އަނދައި އަޅިއަށްވެފައިވާ ކަމަށް މަތިކިޅި ސޮސައިޓީން ބުނެފައިވެއެވެ. އަދި މެއި 27 ވަނަ ދުވަހު ވެސް އިކޯ ގާޑަންގެ އެންޓްރީ ވޯކްވޭގެ ދެކުނު ފަރާތުގައި އަލިފާން ރޯވެފައިވެއެވެ.
މަތިކިޅި ސޮސައިޓީން ފާހަގަކުރާ ގޮތުގައި ފާއިތުވި 9 އަހަރު ތެރޭގައި ކޮންމެ އަހަރަކު ދެތިން ފަހަރު އެތަނުގައި އަލިފާން ރޯވަމުންދަނީ ގަސްތުގައި ކަމަށް ތުހުމަތުކުރެވެއެވެ. އަދި މިފަދަ ހާދިސާތައް ހުއްޓުވުމަށް ކައުންސިލުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށްވެސް އެ ޖަމްއިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

