ދިވެހި ގައުމީ ދިދަ މާދަމާ އުފުލާނެ އަޒުމް ވަރުގަދަ އަދި ހިތްވަރު ހުރި މޮޅެތި ކުދިން މިއަދު ތިބީ ސްކޫލުތަކުގައި ކަމަށާއި ދިވެހިން އެދޭ ފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ތަރުބިއްޔަތު ވާނީ ޓީޗަރުން މިއަދު ދިން އިރުޝާދަކާއި ތައުލީމަކާއި އޯގާތެރި ކަމަކުން ކަމަށް މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުދައްރިސުންނަކީ އަޅުގަނޑުމެންގެ ދަރިންގެ ދެވަނަ މަންމައެވެ. އެކުދިން މުޖުތަމަޢަށް އެންމެ އެދެވޭ ގޮތުގައި ފައިދާ ލިބިގަނެވޭހެން ނެރުމަށް އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތެވެ. އެފަރާތަށް ހާއްސަ ދުވަހެއް މިއަދު ބައިނަލްއަޤުވާމީ ފެންވަރެއްގައި ފާހަގަ ކުރަމުން ދާއިރު އެ އަގުހުރި މަސައްކަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަން ކުރަން ޖެހެނީ އުފަލާއެކުއެވެ.
އެންމެ ތުއްތު އުމުރުން ފެށިގެން ޔުނިވަރސިޓީތަކުން ގްރެޖުއޭޓުވެގެން ދިއުމުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ މުދައްރިސުންކަމާމެދު ޝައްކެއްނެތެވެ. މިޖީލުގެ ކުރިމަގުގެ މޮޅުކަމާއި، ދެރަކަން، ރަނގަޅުކަމާއި ނުރަނގަޅުކަން، ބިނާވާނީ މިއަދު މުދައްރިސުން ކުރައްވައި ނުވަތަ ނުކުރައްވައި ދޫކޮށްލައްވާ މަސައްކަތްތަކެއްގެ މައްޗަށެވެ. ދުނިޔެއަށް އަންނަ ތަރައްޤީގެ ހަލުވި ބަދަލާއެކު ރާއްޖޭގެ ތަޢުލީމީ ދާއިރާ ބައްޓަންކުރުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތާއެކު ތަރައްގީކޮށް އަދާހަމަ ކުރަމުންނެވެ

ސްކޫލެއްގައި ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ… ފޮޓޯ: ދައުލަތުގެ މީޑިއާ
މުދައްރިސުންގެ ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވީ މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިންކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ ވެސް މުދައްރިސުން ކަމަށެވެ.
ދިވެހި މުދައްރިސުން ނުވަތަ އެދުރުން އަދާކުރައްވާ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ ކުރަން ފަސޭހަކަމެއް ނޫނެވެ. އެހެން ޤައުމުތަކުގެ އެދުރުންނާ ޚިލާފަށް ދިވެހި އެދުރުންނަކީ ހަފްތާގެ ހުރިހައި ދުވަހު، ދުވަަހުގެ ހުރިހައި ވަގުތެއްހެން އުނގަންނައި ދިނުމުގެ ތަފާތު ކަންކަމުގައި ހޭދަކުރާ ބައަކަށްވުމަކީ، ދިވެހި އެދުރުންގެ ޚިދުމަތުގެ އަގު އިތުރަށް ވަޒަން ކުރަން ޖެހޭ ކަމެއްކަން ޔަގީނެވެ.