ހދ. ހަނިމާދޫގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަބްދުލްމަޖީދު އިބްރާހީމެވެ.
މި ޚިދުމަތް ފެށުމާއެކު، ހަނިމާދޫގެ ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވެސް އައިޑީ ކާޑު ހައްދައި، ޕްރިންޓް ކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތް ހަނިމާދޫގައި ފެށިފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށުގެ ރައްޔިތުންނަށް މި ޚިދުމަތް ފަށްޓަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިތާ 39 ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައެވެ.
2024 ނޮވެމްބަރު 17ގައި މި މަސައްކަތް ފެށުނީއްސުރެ، ރާއްޖޭގެ 20 އަތޮޅެއްގެ 34 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ކާމިޔާބުކަމާއެކު ވަނީ ގާއިމުކުރެވިފައެވެ. “މިހާރު ރަށުގައި ތިބެގެން ކާޑު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވުމުން، ދަތުރުފަތުރުގެ ހޭދަ ކުޑަވެ، ވަގުތު ސަލާމަތްވެ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ” ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ބޮޑު ހޭދައެއްވާއިރު، އެކަމަށް ބޭނުންވާ މެޝިނަރީ ލިބެމުންދާ ވަރަކުން ޚިދުމަތް ދިނުމަށް ހޯމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ. އަދި މިހާރު ދިވެހީން އާންމުކޮށް ގޮސް އުޅޭ ބައެއް ގައުމުތަކުގައި ވެސް މި ޚިދުމަތް ފެށުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މިހާރު މެލޭޝިއާއިން އައިޑީ ކާޑުގެ ޚިދުމަތްތައް ދެމުންދެއެވެ.

