އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މިހާރު ކުރިއަށްދަނީ އެންމެފަހު މަރުހަލާގެ ތައްޔާރީތައްކަމަށާއި، އަންނަ ނޮވެމްބަރު މަހު އެ މަޝްރޫޢު ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ދިއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާ ގިނަ ދުވަސްވަންދެން މި މައްސަލައަށް ހައްލެއް ނުގެނެވި އޮތްއޮތުމަކީ ރަށާމެދު ވެފައިވާ ވަރަށް ބޮޑު އިހުމާލެކެވެ.
ދިއްދޫ ކައުންސިލުން ފާހަގަކުރާ ގޮތުގައި ބަނދަރުގެ ނެރުފައިކަށި މިހާރު ހުރި ތަނުގެ ސަބަބުން ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމަށް ދަތިތަކެއް ދިމާވެއެވެ. އަދި މި މައްސަލައަށް ހައްލެއް ނުލިބި ސާޅީހަކަށް އަހަރު ވެފައިވާކަން ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި ނެރުފައިކަށީގެ މައްސަލަ ހައްލުކުރުމަށް ޑިޒައިނާއި އީއައިއޭ އެޕްރޫވަލް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި އީއައިއޭ މަސައްކަތް ނިމުމާއެކު މިއަހަރުގެ ތެރޭގައި ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
މި ބައްދަލުވުމުގައި ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި ރައީސް މުޢިއްޒު ވަނީ އާބާދީއަށް ބެލުމެއްނެތި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ތަފާތުކުރުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.