ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެއްގެ ގޮތުން މިއަދު އެއަތޮޅު ފެންފުއްޓަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސްއަށް މަރުހަބާ ދެންނެވުމަށްޓަކައި ފެންފުށި ކައުންސިލްގެ މެމްބަރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އަދި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރަށުގެ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ފެންފުށީގައި ތަރައްޤީގެ މުހިންމު އެތައް މަޝްރޫޢުތަކެއް ފެއްޓެވުމަށް ހަމަޖައްސަވާފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ފެންފުށީގައި ޤާއިމުކުރެވޭ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ހަމަޖެހިފައެވެ. މީގެއިތުރުން، ރަށުގައި އަލަށް ޤާއިމުކުރެވޭ ޕޮލިސް ޕޯސްޓާއި، ޞިއްޙީ މަރުކަޒު އަދި ކުނި މެނޭޖުކުރާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އަދި ހަމައެހެންމެ، ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ފެންފުށީގައި ވޮލީ ކޯޓެއް ތަރައްޤީކުރުމާއި ރަށުގެ ދުވާ ޓްރެކް ތަރައްޤީކުރުމުގެ މަސައްކަތްވެސް މި ދަތުރުފުޅުގައި ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތަކުގެ އިތުރުން ރައީސް ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖައްސަވާފައެވެ.
މި ދަތުރުފުޅަކީ ރަށުގެ ތަރައްޤީއަށް އިތުރު ހިތްވަރަކަށްވެ، ރައްޔިތުންގެ އުންމީދުތައް އާކޮށްދޭނެ ދަތުރުފުޅެއް ކަމަށް ފެންފުށީ ރައްޔިތުން ފާހަގަކުރެއެވެ.