ޚިދުމަތް ޖަމިޢްޔާ އަދި އުކުޅަސްހޯޕްގެ ފަރާތުން ކުރިއަށް ގެންދިޔަ “ފިއުޗަރ އިމާމް” ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އާދީއްތަ ދުވަހުގެ ރޭ އދ. މަހިބަދޫގައި ބާއްވައިފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ސިލްސިލާކޮށް ހިންގޭ މި ޕްރޮގްރާމަކީ ޙިދުމަތް ޖަމިޢްޔާ، މަހިބަދޫ ކައުންސިލް، އުކުޅަސް ހޯޕް، މަންފާ، ޖަމިއްޔަތުލް ޤަލަމް، ބައްޔިނަ އަދި ތަންޒީލް ޤުރްއާން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މުޖުތަމައުގައި ޒުވާން އިމާމުން އުފެއްދުމަށާއި އިމާމުންނަށް ބޭނުންވާ މުހިންމު އަމަލީ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ މި ޕްރޮގްރާމުގައި 34 ކުދިން ބައިވެރިވެ، އެއްމަސްދުވަހުގެ މުއްދަތުގައި ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިމްތިތާޢު ޢައްބާސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް އަދި ކައުންސިލްގެ މެމްބަރުންނާއި، އެކި ޖަމިއްޔާތަކުގެ އިސްވެރިން މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިދުމަތްޖަމިޢްޔާ އަދި އުކުޅަސްހޯޕް އިން ހިންގި “ފިއުޗާރ އިމާމް” ނިންމުމުމުގެ ރަސްމިއްޔާތު—ފޮޓޯ: ޚިދުމަތްޖަމިއްޔާ
ޝަރަފުވެރި މެހެމާންގެ ވާހަކަފުޅުގައި “ފަޚުރުވެރި ރަންވަނަތައް ހާޞިލްކުރި ކުދިންނަށް މަރުހަބާ ދަންނަވަން. ރިވެތި އަޚުލާޤު ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ސަމާލުކަން ދިނުން މުހިންމު” ކަމުގައި ވިދާޅުވިއެވެ. އަދި އަރަބި ބަސް އުނގެނުމަށާއި ޤުރުއާން ހިތުދަސްކުރުމަށް ކުދިންނަށް ހިތްވަރުދެއްވިއެވެ.
މި ހަފްލާގައި މަންފާ ޖަމިޢްޔާގެ ރައީސް އަލީ ރަމީޒު ދެއްކެވި ވާހަކަފުޅުގައި، ވަނަތައް ހާޞިލްކުރި ހުރިހާ ކުދިންނަށް މަރުހަބާ ދެންނެވުމާއެކު، މި މަސައްކަތުގައި މަންފާ ޖަމިޢްޔާގެ ފަރާތުން ދެމިހުންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ރަސްމިއްޔާތު ނިމުމުގެ ކުރިން ރަންވަނަ ހާޞިލްކުރި ކުދިންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ އަދި ފައިސާގެ އިނާމް ހަވާލުކުރެވުނެވެ.