ބޮލީވުޑްގެ “ބާދްޝާހް” ޝާރުޚް ޚާން ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓަށް އަރައިފިއެވެ. ހުރުން އިންޑިއާ ރިޗް ލިސްޓް 2025 ގައި ވާގޮތުން، 59 އަހަރުގެ އެކްޓަރުގެ މުދަލުގެ އަގު މިހާރު ވަނީ 1.4 ބިލިއަން ޑޮލަރު (1.03 ބިލިއަން ޕައުންޑް) އަށް އަރާފައެވެ.
މި އަދަދާއެކު ޝާރުޚް ވަނީ ރިހާނާ އަދި ޓައިގަރ ވުޑްސް ފަދަ ސެލެބްރިޓީންނާ އެއް ހަމައަކަށް އަރާފައެވެ. އަދި އާނޯލްޑް ޝްވަޒެނެގަރ އަދި ޖެރީ ސެއިންފެލްޑްއަށް ވުރެ މަތީގައެވެ. ނަމަވެސް ފޯބްސްއިން 1.6 ބިލިއަން ޑޮލަރުގައި އަގުކޮށްފައިވާ ޓޭލަރ ސްވިފްޓްއާ އެއްހަމައަށް ނޭރިކަމަށްވިޔަސް މިވަނީ ގާތްކޮށްފައެވެ.
މިއީ އިންޑިއާގެ އެންމެ މުއްސަނދި ފިލްމީ ތަރިއަށްވުމުގެ އިތުރުން، ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުގެ މަގާމަށް އޭނާ ގޮސްފައިވާކަން ދައްކުވައިދޭ ހެއްކެކެވެ.
ހުރުން އިންޑިއާގެ ފައުންޑަރ އަދި ޗީފް ރިސާރޗަރ އަނަސް ރަހްމާން ޖުނައިދު ބުނާގޮތުގައި، ޝާހްރުކް ޚާންގެ މުއްސަނދިކަން އައިސްފައިވަނީ ހަމައެކަނި އޭނާގެ އެކްޓިންގ ކެރިއަރއިން ނޫނެވެ. އޭނާގެ ވިޔަފާރިތަކުން ވެސް ބޮޑު އާމްދަނީއެއް ލިބެއެވެ. ޚާއްސަކޮށް ރެޑް ޗިލީސް އެންޓަރޓެއިންމަންޓް އަދި ނައިޓް ރައިޑަރ ސްޕޯޓްސްގައި އޮންނަ ހިއްސާއިންނެވެ. ނައިޓް ރައިޑަރ ސްޕޯޓްސްއަކީ އައިޕީއެލް ފްރެންޗައިޒް ކޮލްކަތާ ނައިޓް ރައިޑަރސް ހިންގާ ކުންފުންޏެވެ.
2023 ވަނަ އަހަރު ޝާރުކް ޚާންގެ ފިލްމު “ޖަވާން” ވަނީ އިންޑިއާގެ ބޮކްސް އޮފީހުން 83.7 މިލިއަން ޕައުންޑް ހޯދާފައެވެ. އަދި މި އަހަރު އޭނާއަށް ވަނީ އެ ރޯލަށް ފުރަތަމަ ނެޝަނަލް އެވޯޑް ފޯ ބެސްޓް އެކްޓަރ ލިބިފައެވެ. އިންސްޓަގްރާމް އަދި އެކްސްގައި ގާތްގަނޑަކަށް 100 މިލިއަން ފޮލޯވަރުން ތިބި ޝާރުކް ޚާނަކީ އިންޑިއާގެ އެންމެ ނުފޫޒުގަދަ ސޯޝަލް މީޑިއާ ޝަޚްސިއްޔަތުތަކުގެ ތެރެއިން އެކެކެވެ.
އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން ޝާރުޚްގެ ފަހަތުން އެންމެ މުއްސަނދި މީހުންގެ ގޮތުގައި ޖުހީ ޗަވްލާ އާއި އޭނާގެ އާއިލާ (880 މިލިއަން ޑޮލަރު)، ހްރިތިކް ރޯޝަން (260 މިލިއަން ޑޮލަރު)، ކަރަން ޖޯހަރ (200 މިލިއަން ޑޮލަރު)، އަދި އަމިތާބް ބަޗްޗަން (183 މިލިއަން ޑޮލަރު) ހިމެނެއެވެ.


