ﷲ ގަންދީބުނަން، އެކަލާނގެއަށް ބަރޯސާވެ، މަދަދަށް އެދެން ފެށިފަހުން އަދާ ހަމައަށްވެސް ނާއުންމީދެއް ނުވޭ!
ނަފްސާނީ ދުޅަހެޔޮކަމަކީ މިއަދުގެ މުޖުތަމަޢުގައި އިތުރަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެކެވެ. ޒުވާން ނޫސްވެރިޔާ ޢާލިމް ޢަބްދުލްލަތީފް ވަނީ އޭނާގެ އަމިއްލަ ތަޖުރިބާ ހިއްސާކޮށް، ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާ މީހުންނަށް އެހީތެރިކަމެއް ވެސް ފޮ؛މލ؛؛ާ ވެދީފައެވެ.
ތިން އަހަރު ކުރިން، ޢާލިމް ވެއްޓުނީ ނަފްސާނީ ބަލިމަޑުކަމުގެ ފުން އަނދަވަޅަކަށެވެ. މި ދަތި ދުވަސްވަރުގައި އޭނާއަށް ނިދުމާއި، މަސައްކަތްކުރުމާއި، އިޖުތިމާޢީ ގުޅުންތައް ބޭއްވުމަށް ވަރަށް ބޮޑަށް ދަތިވިއެވެ. ނެގެޓިވް ޚިޔާލުތަކުގެ ވަށައިގެންވުމާއި، އެކަހެރިވުމަށް ބޭނުންވުމާއި، އަބަދުވެސް ނިދަން ބޭނުންވުން ފަދަ ކަންކަން ތަޖުރިބާކުރިއެވެ.
“..އޭރު އަހަންނަކަށް ނުނިދެއެވެ. އަބަދު ވިސްނެނީއެވެ. ނެގެޓިވް ހިޔާލުތައް އަހަރެންގެ ވަށައިގެންވެއެވެ. މަސައްކަތްކުރާ ހިތެއް ނުވެއެވެ. މީހުންނާއެކު ތަންތަނަށް ދާހިތެއް ނުވެއެވެ. އަބަދުވެސް ބޭނުންވަނީ އެކަހެރިވާށެވެ. އެކަނި ހުންނާށެވެ. ބޭނުންވަނީ އަބަދުވެސް ނިދާށެވެ. އެއީ ހިޔާލުތަކުން އަހަންނަށް އެއްކިބާވެވޭނެ ގޮތަކީ އެއީ ކަމަށް ވާތީއެވެ,”
ފަރުވާ ހޯދުމުގެ މަރުޙަލާ
އޮކްޓޯބަރު 6 ވަނަ ދުވަހު، ޢާލިމް ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ދެއްކިއެވެ. ޑޮކްޓަރު ދިން ނިދާ ބޭސް ދުވަސްކޮޅަކު ބޭނުންކުރި ނަމަވެސް، އޭނާގެ ޙަޤީޤީ ފަރުވާއަކަށްވީ އެހެން ކަންތައްތަކެކެވެ. އެއީ ލޯބިވާ އެކުވެރިންނާއި، ނަމާދާއި، ދުޢާ އަދި ﷲ އަށް ބަރޯސާވުމެވެ.
ޢާލިމް ބުނި ގޮތުގައި اللهއަށް ފުރިހަމަގޮތުގައި ބަރޯސާވެ, އެ ކަލާނގެ ހަޒްރަތުން މަދަދަށް އެދެން ފެށި ދުވަހުން ފަށައިގެން މިއަދާ ހަމައަށް ވެސް އޭނާ ނާއުންމީދެއް ނުވެ އެވެ.
“..އެ އިލާހު ގަންދީ ބުނަމެވެ. އެ ކަލާނގެއަށް ބަރޯސާވެ, އެ ކަލާނގެ ހަޒްރަތުން މަދަދަށް އެދެން ފެށި ދުވަހުން ފަށައިގެން މިއަދާ ހަމައަށް ވެސް އަހަރެން ނާއުންމީދެއް ނުވެއެވެ. އެއީ އަހަރެންގެ ހަޔާތުގައި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހިނގި ނަމަވެސް, އެއިން ކޮންމެ ކަމަކީ ވެސް އެ ކަމުގައި އަހަންނަށް ހެވެއް އޮތް ކަމެއްކަން އަހަރެން ގަބޫލުކުރަން ފެށުމުންނެވެ. އެ ކަލާނގެ އެއްވެސް އަޅަކަށް ނުއުފުއްލޭވަރުގެ ބުރައެއް ނުޖައްސަވާނެކަމަށް އެ ކަލާނގެ އަންގަވައިފައި ވާތީއެވެ,”
ޢާލިމްގެ ތަޖުރިބާއިން ދައްކައިދެނީ ނަފްސާނީ ބަލިމަޑުކަމުން އަރައިގަތުމުގައި ރޫޙާނީ ކަންކަމުގެ މުހިންމުކަމެވެ. އޭނާ ވަނީ ﷲ އަށް ފުރިހަމައަށް ބަރޯސާވެ، ކޮންމެ ނަމާދެއް އަދާކުރަން ފަށައި، ދަމުނަމާދު ކުރަން ފަށައި، އަދި ނަބިއްޔާގެ ސީރަތުން އިބުރަތް ހާސިލުކޮށްގެން މި ހާލަތުން އަރައިގަތެވެ.
މިއަދު ޢާލިމްއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ނޫސްވެރިކަމުގެ ދާއިރާގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންދާ ފަރާތެކެވެ. އޭނާގެ މައިގަނޑު މެސެޖަކީ ދިރިއުޅުމުގައި ދަތިތައް ކުރިމަތިވުމުން ޝައިޠާނާގެ ވަސްވާހަށް ނުހެއްލި، ﷲ އަށް ބަރޯސާވެ، ތައުބާގެ ދޮރުން ވަނުމަށް ލަސްނުކުރުމެވެ.
“ދިރިއުޅުމުގައި ދަތިތައް ކުރިމަތިވުމުން ޝައިތޯނާ ތިބާ ހަލާކުގެ ތެރެއަށް ގެންދަން އުޅޭނެއެވެ. އެކަމަކު, އެއީ އެ ހިތާމަތަކުން ތިބާ މިންޖު ކޮށްދޭނެ ކަންކަމެއް ނޫނެވެ. އެއީ ދުނިޔެ ތިބާއަށް ދައްކާ ރީތި އަވާމެންދުރެކެވެ. އެއީ ތިބާއަށް ދުނިޔެ ދައްކާ ރީތި ދަޅައެކެވެ. އެ ކަންކަމަށް ނުހެއްލޭށެވެ. ލޯބިވާ އެކުވެރީންނެވެ. ކޮންމެ ދުވަހަކު ވެސް އަމިއްލަ ނަފްސުގައި އިސްހާލުކުރަން ޖެހޭ އެތައް ކަމެއް އަހަންނަށް ވެސް ވިސްނެއެވެ. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހާއެއް ނޫނެވެ. އެކަމަކު, އެންމެ ރަނގަޅު މީހަކީ ހަލާކުން އެއްކިބާވެ ހައްޤުގެ މަގަށް ރުޖޫއަވާން ބޭނުންވާ މީހާއެވެ,”