ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނިލަންދޫ ރާވެރިޔާ ވޮލީ މުބާރާތުގައި ދެ ޑިވިޝަނުން 12 ޓީމް ބައިވެރިވެއްޖެއެވެ.
މި ފަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 01 ނޮވެމްބަރު 2025 ގައެވެ.
ރާވެރިޔާ ވޮލީ މުބާރާތަކީ ޒަމާންވީ ފޯރިގަދަ މުބާރާތެކެވެ. ފުރަތަމަ ގއ ގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މުބާރާތް މި ފަހަރު ވަނީ ދެކުނުގެ 4 އަތޮޅަކަށް ހުޅުވާލާފައެވެ. ގއ، ގދ، ސ، އަދި ފުވައްމުލަކު ސިޓީގެ ޓީމްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި މުބާރާތުގައި 2 ޑިވިޝަނުން 12 ޓީމް ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް، ބޮން ބޮން ސްޕޯޓްސް ކުލަބު، ބޮންބޮން ސްޕޯޓްސް ކުލަބު ލެޖެންޑްސް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، ރެޒިޑެންސް މޯލްޑިވްސް، އަދި ގެމަނަފުށީ ވޮލީބޯލް ކުލަބެވެ. އަންހެން ޑިވިޝަންގައި ބައިވެރިވެފައިވާ ޓީމް ތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ގެމަނަފުށީ ވޮލީބޯލް ކުލަބް، ޓޮޕް ބްރަދާސް، ބޮންބޮން ސްޕޯޓްސް ކުލަބު، ކަނޑުހުޅުދޫ އަންހެން ވޮލީ ޓީމް، ގއ މާމެންދޫ އަންހެން ވޮލީޓީމްގެ އިތުރުން ގއ ވިލިނގިލީ ވޮލީބޯލް ކުލަބެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.
ގެމަނަފުށީ އަންހެން ވޮލީ ޓީމް އަކީ ރާވެރިޔާ ވޮލީ މުބާރާތުގެ އެންމެ ކާމިޔާބު އަންހެން ޓީމެވެ. 2022 ގެ ޗެމްޕިއަންކަމާއި، 2023 ގެ ރަނަރަޕްގެ އިތުރުން 2024 ވަނަ އަހަރުގެ ޗެމްޕިއަންޓީމެވެ. މީގެ އިތުރުން މިފަހުން ބޭއްވުނު ގެމަނަފުށީ ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަކީ ގެމަނަފުށީ ވޮލީ ކުލަބެވެ.
ނިމިދިޔަ އަހަރު މުބާރާތުގައި ޖުމްލަ 15 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން ޑިވިޝަންގެ 7 ޓީމާއި ފިރިހެން ޑިވިޝަންގެ 8 އަށްޓީމެވެ.
2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ.
2022 މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ. 2023 ވަނަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ. ނިމިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ގެމަނަފުށީ ވޮލީ ކުލަބުން ހޯދިއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޓޮޕް ބްރަދާސްއެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ.