ދަނގެތި ދާއިރާއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކީ މިހާތަނަށް ރައީސަކަށް ނުކިއާ ވަރުގެ މަރުހަބާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުﷲ ރަޝީދު (އަވަސް އަބުޅޯ) ވިދާޅުވެއްޖެއެވެ.
އދ. އަތޮޅުގެ ރަށްތަކަށް ތިން ދުވަހުގެ ދަތުރުފުޅެއް ކުރެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންނެވި ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ގިނަ މަޝްރޫއުތަކެއް ފައްޓަވައި، ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވުމުގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވާފައިވެއެވެ. ދަނގެތީ ދާއިރާގެ ފަސް ރަށުގައި ފެށުނު މަޝްރޫއުތަކުގެ ތެރޭގައި ބިންހިއްކުމާއި، ބަނދަރު ހެދުމާއި، ކައުންސިލް އިދާރާއާއި ފުލުހުންގެ މަރުކަޒު އެޅުމާއި، ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމާއި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުތަކާއި، ފުޓްބޯޅަ ދަނޑާއި، ވޮލީކޯޓު އެޅުމާއި، ސްކޫލްގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
މި ދަތުރުފުޅާ ގުޅިގެން އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، “ރާއްޖޭގައި ރައްޔިތުން ވޯޓުދެއްވައިގެން މިހާތަނަށް ވަރަށް ގިނަ ރައީސުން ވެރިކަން ކުރައްވައިފި” ކަމަށެވެ. އަދި ދަނގެތި ދާއިރާގައި ހިމެނޭ ދަނގެތި، އޮމަދޫ، ދިގުރަށް، މަންދޫ އަދި ދިއްދޫ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި، ހުލްގުހެޔޮ ބައެއްކަން ފާހަގަކުރައްވާފައިވެއެވެ.
އަބްދުﷲ ވިދާޅުވިގޮތުގައި 2023 ވަނަ އަހަރުގެ ކުރިން އައި ސަރުކާރުތަކުގެ އިސްވެރިންނަށް މި ރަށްތައް ނުފެނުނު ކަމަށާއި، އޭރުވެސް ވައުދުވެ، ކޮމިޓްމަންޓް ދެއްވި ނަމަވެސް ވައުދުވި މަގުން ކަންކަން ތަރުތީބު ނުވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދުގެ ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތަށްވުރެ އިތުރަށް ދާއިރާގެ ރަށްތަކުގެ މަސައްކަތްތައް ފައްޓަވައި، އަމަލީގޮތުން ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
“މިހާތަނަށް ދަނގެތި ދާއިރާއިން ރައީސްކަން ކުރެއްވި ބޭފުޅަކަށް ނުކިޔާފަދަ ކުލުނުން ފުރިގެންވާ މަރުހަބާއެއް ރައީސް މުއިއްޒަށް ވަނީ ކިއުއްވާފައި” ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އަދި ރައްޔިތުން މިއަދު ތިބީ އުފަލުން ކަމަށާއި، ރައީސް މުއިއްޒު ދާއިރާގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހިތާރޫހުން މަރުހަބާ ދެންނެވީ މި ސަބަބުތަކާ ހެދި ކަމަށް ވިދާޅުވިއެވެ.