އިސްލާމިކް މިނިސްޓްރީގެ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތައް ހިންގުމުގެ ފުރުސަތު ނޯންނަ ގޮތް ހެދުމުގެ މަޝްވަރާ، ކުރިޔަށްދާކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ އުމްރާ ކުންފުނިތައް ރެގިއުލޭޓްކުރަނީ އެ މިނިސްޓްރީން ކަމަށް ވާތީ، އަމަލީ ގޮތުން މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އުމްރާ ކުންފުންޏެއްގައި ނޫޅެވޭނެ ގޮތް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އުމްރާ ކުންފުނިތައް ހިންގާ މީހުންގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން މިހާރު ހިމެނެއެވެ.
އުމްރާ ކުންފުނިތަކާ ގުޅިގެން ފެންމަތިވާ އެކި މައްސަލަތަކާ މެދު އިސްލާމިކް މިނިސްޓްރީން ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ އެއްގޮތަށް އަމަލުކޮށްފައިނުވާ 19 ކުންފުންޏެއް މިދިޔަ ޖެނުއަރީ މަހު 5000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.
މިދިޔަ އަހަރު ވެސް މަޝްއަރު ކުންފުނީގެ މައްސަލަ ފެންމަތިވެފައި ވާއިރު 2023 ގައި އަލް މަޝްއަރު ހައްޖު އުމްރާ ގްރޫޕުގެ ނަމުގައި ހަމަ އެ ކުންފުނީގެ މީހުން ހައްޖާއި އުމްރާއަށް ގެންގޮސްގެން އުޅެނިކޮށް މައްސަލަ ޖެހުނެވެ. މަޝްއަރު ޓުއާސްގެ ނަމުގައި ޓުއާ ގްރޫޕެއް ހަދާފައި ވަނީ ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ 2023 ގައި ބާތިލްކުރުމުންނެވެ.