ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ ރީޖަންގެ ރިޔާސަތު ކުރިއަށް އޮތް 3 އަހަރުގެ ދައުރަށް ދިވެހިރާއްޖެ އިންތިޚާބުކޮށްފިއެވެ. މި މަޤާމަށް ރާއްޖެ އިންތިޚާބުކޮށްފައިވަނީ ބާބަޑޯސްގައި ބޭއްވުނު ސީޕީއޭ އޭޝިއާ ރީޖަންގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ދިވެހިރާއްޖޭގެ ފަރާތުން މި މަޤާމު އަދާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމްއެވެ. އެމަނިކުފާނުގެ ދައުރު ނިމޭނީ 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގައެވެ.
މި މަޤާމު ރާއްޖެއަށް ލިބުނީ ސްރީލަންކާގެ ދައުރު ނިމުމާ ގުޅިގެންނެވެ. ސީޕީއޭގެ ހިންގާ ގަވާއިދުގެ ދަށުން މި ދައުރަށް ހަމަޖެހިފައި އޮތް ބަންގްލަދޭޝްގައި މިވަގުތު އިންތިޚާބުކޮށްފައިވާ ޕާލިމެންޓެއް ނެތުމާއި، އެ މަޤާމު އަދާކުރުމަށް އެ ޤައުމަށް ދިމާވެފައިވާ ހުރަސްތަކާ ގުޅިގެން، ދިވެހިރާއްޖެ އެ ދައުރަށް އިންތިޚާބުކުރެވުނީއެވެ.
ދިވެހިރާއްޖެ މި މަޤާމަށް އިންތިޚާބުވުމަކީ ކޮމަންވެލްތުގެ ޕާލިމެންޓަރީ މުޖުތަމަޢުގައި ރާއްޖެ އަދާކުރަމުންދާ ހަރުދަނާ ދައުރާއި، އޭޝިއާ ސަރަޙައްދުގައި ސީޕީއޭގެ މަޤްޞަދުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަނަކީ ކޮމަންވެލްތުގެ އެންމެ ހީވާގި، ހިންގުންތެރި އަދި ގިނަ ދުވަސްވީ ޖަމްޢިއްޔާތަކުގެ ތެރެއިން ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގައި 180 އަށްވުރެ ގިނަ ޕާލިމެންޓުތަކާއި ސަރަޙައްދީ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނެއެވެ. އަދި ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ސަރަހައްދުގެ ދާއިމީ މަރުކަޒު ހުންނަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ.