ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް މިއަދު ހެނދުނު ވައިޓް އެލާޓް ނެރެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ. ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް އެލާޓް އަށް ހުރި އިރު، މި އެލާޓް ހެނދުނު 11:00 އާ ހަމައަށް ހަމަވާނެއެވެ.
މެޓު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ލަފާކުރާއިރު، ރާޅުގެ އުސްމިން 3 – 7 ފޫޓާ ދެމެދުގެ އުސްމިނެއް ކަމަށް ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވަމުން އަންނަ އިރު، މި ދަނޑިވަޅުގައި މޫސުމަށް ސަމާލުވުމަށް ހުރިހާ ކަނޑު ދަތުރުކުރާ ފަރާތްތަކަށް ވަނީ މެޓުން އިލްތިމާސްކޮށްފައެވެ.

