އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ “ސްކޫބާ” ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސް، އެ ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.
މި ޑައިވިންގ ދޯނި އަޑިއަށް ގޮސްފައި ވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށެވެ. އަދި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާ ގޮތަށް އޮޔާދާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެހެންކަމުން، އަލިހުރަސް ކަނޑާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނ އިލްތިމާސް ކޮށްފައެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެ، މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.

